ތިލަފުށި ތަރައްޤީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
އެޗްޑީސީން ބުނީ ތިލަފުށި ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ. ޗައިނާގެ ހާބަރ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް އަންނަ ޖެނުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިއްކާނީ 40 ހެކްޓަރުގެ ބިމެވެ.
އެ މަސައްކަތް 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ބިންތައް ދޫކުރުމަށް އެޗްޑީސީން ވަނީ ފްލޭން ކޮށްފައެވެ.
މި މަޝްރޫއު ނިމޭއިރު މުޅި އެކު 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
އަދި ބިންތަކުގެ 80 އިންސައްތަ ހާއްސަ ކުރާނީ ވިޔަފާރިތަކަށެވެ. އަނެއް ބަޔަކީ އެކި ހިދުމަތްތަކަށާއި މަގުތަކަށް ހާއްސަ ކުރާ ސަރަހައްދުތަކެވެ.
ތިލަފުއްޓަށް ބިން ހިއްކައިގެން އިތުރު ކުރާ ސަރަހައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ.
އެއް ބައި ހާއްސަ ކުރަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށެވެ. މީގެ އިތުރުން ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް ވަކި ސަރަހައްދެއް ހާއްސަ ކުރާނެ އެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރު ތިލަފުށި މިހާރު އޮތް ސައިޒަށްވުރެ ދެ ގުނަ ބޮޑުވާނެއެވެ.