ވޯކްޝޮޕްގެ ތެރެއިން

ޓުއާގައިޑުން ތަމްރީން ކުރުމުގެ ވޯކްޝޮޕެއް ނ. ކެނދިކުޅުދޫގައި ހިންގައިފިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން މިރަށުގެ ރީތިކަމަށް ލިބިފައިވާއިރު، ލޯކަލް ޓުއަރިޒަމަށް ރަށް ފައްކާ ކުރުމުގެ ގޮތުން ގިނަ އިވެންޓްތަކެއް އަންނަނީ ހިންގަމުންނެވެ.

އެގޮތުން ކުރިއަށްގެންދިޔަ މިވޯކްޝޮޕަކީ އެރަށުގެ ކޮމެޓްސް ސްޕޯޓްސް ކުލަބުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ކޮމެޓްސް ސްޕޯޓްސްގެ އިތުރުން މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަން، މޯލްޑިވްސް ޕޮލިޓެކްނިކް އަދި ސޮނެވާ ނަމޫނާއިން ވަނީ މިވޯކްޝޮޕް ކުރިއަށް ގެންދިޔުމުގައި ބައިވެރިވެފައެވެ.

ވޯކްޝޮޕްގެ ތެރެއިން

މިޕްރޮގްރާމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެއްވަނީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވަރަމެންޓް ފެސިލިޓީ (ޖީއީއެފް)ގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމް (އެސްޖީޕީ) މެދުވެރިކޮށް ޖަރުމަން ސަރުކާރުގެ ފެޑެރަލް މިނިސްޓްރީ ފޯ ދަ އެންވަޔަރަމަންޓް، ނޭޗަރ ކޮންސަވޭޝަން އެންޑް ނިއުކްލިއަރ ސޭފްޓީ (ބީއެމްޔޫ) އިންނެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ކެނދިކުޅުދޫގެ ޒުވާނުންނަށާއި ސްކޫލް ކުދިންނަށް ހާއްސަކޮށްގެންނެވެ. މި ވޯކްޝޮޕުގައި 26 ކުދިން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

ކެނދިކުޅުދޫގައި ތަރައްޤީކުރެވިފައިވާ އީކޯ ޕާކް އަދި ކުޅި ސަރަހައްދު ބަލާލުމަށް ރަށަށް ޒިޔާރަތްކުރާ މީހުންނަށް މެހެމމާންދާރީ އަދާކުރުމާއި ރަށުގެ މަޢުލޫމާތު އެކަށޭނަ ގޮތުގައި ފޯރުކޮށްދޭނެ ގޮތް މިވޯކްޝޮޕްގައި ކިޔައިދީފައިވެއެވެ.

މި ވޯކްޝޮޕުގައި ކިޔަވައިދީފައިވަނީ ވެޓްލޭންޑް ފައުންޑޭޝަންގެ ކޯ ފައުންޑާރ އައިޝަތު ފަރުހަތު އަލީ އާއި އެންވަޔަރމެންޓް ކޮންސަލްޓަންސީ އެކްސްޕާޓް، މަރިޔަމް ރިފްގާ އަދި ޕޮލިޓެކްނިކްގެ ލެކްޗަރާރ އާޒިމް ލަތީފްއެވެ. މީގެ އިތުރުން ނ އަތޮޅުގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓް، ސޮނެވާ ޖާނީގެ އެންޖީއޯ (ސޮނެވާ ނަމޫނާ)ގެ ފަރާތުން ވެސް މި ވޯކްޝޮޕުގެ ސެޝަނެއް ނަގައިދީފައިވެއެވެ.

މި ވޯކްޝޮޕުގެ ބައިވެރިން ވަނީ ރަށުގެ ޓުއަރިޒަމް ކުރިއަރުވަން ހަދާފައިވާ ތަންތަނަށް ޒިޔާރަތްކޮށް، ޓުއާގައިޑިންގެ އަމަލީ ޕްރެކްޓިސްތަކެއްވެސް ކޮށްފައެވެ. ހަމައެއާއެކު ރަށުގެ ތާރީހީ މުހިންމު ވާހަކަތައްވެސް މި ވޯކްޝޮޕުގައި ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ރަށުގެ ތާރީހު ދިރާސާ ކުރާ ފަރާތެއްކަމަށްވާ މުހައްމަދު އައްބާސް ވަނީ ރަށުގެ ކުޅިތަކާއި، ރަށުގައި މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ހިނގާފައިވާ ތާރީހީ މުހިންމު ވާހަކަތައް ބައިވެރިންނާ ހިއްސާ ކުރައްވާފައެވެެ.

މި ވޯކްޝޮޕުގައި ބައިވެރިންނަށް އެކި އެކި މަސައްކަތްތައް ހަވާލުކުރި އިރު، ދެ ބައިވެރިއަކަށް ވަނީ ޏ.ފުވައްމުލަކުގައި އޮންނަ ނޭޗާ ޕާކު ބަލާލަން ދިއުމުގެ ފުރުސަތު ލިބިފައެވެ.

މި ޕްރޮގްރާމްގެ ޚާއްސަ ބައިވެރިންގެ ގޮތުގައި ސެކެރެޓޭރިއެޓް އޮފް ދަ ކޮންޒަރވޭޝަން އޮފް ބައޮލޮޖިކަލް ޑައިވާރސިޓީ (ސީބީޑީ)، ދަ އައި.ސީ.ސީ.އޭ ކޮންސޯޓިއަމް، ދަ އިންޓަރނޭޝަނަލް ޔޫނިއަން ފޯ ދަ ކޮންޒަރވޭޝަން އޮފް ނޭޗާރސް ގްލޯބަލް ޕްރޮގްރާމް އޮން ޕްރޮޓެކްޓެޑް އޭރިއާރސް (އައިޔޫސީއެންޖީޕީއޭޕީ) އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމްސް ވޯލްޑް ކޮންޒަރވޭޝަން މޮނިޓަރިންގ ސެންޓަރ ( ޔޫއެންއީޕީ ޑަބްލިއުސީއެމްސީ) ހިމެނެއެވެ.

0
0
0
3
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *