އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސެއްގެ މަޤާމަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި މިމަޤާމަށް ދިވެހިރާއްޖެ ހޮވިފައިވަނީ 2023 ވަނަ އަހަރު އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތައް ތަމްޞީލުކުރުމަށެވެ.

އ.ދ. ގެ 47 މެމްބަރު ޤައުމެއް އެކުލެވޭ، އަދި އިންސާނީ ޙައްޤުތަކާއި ބެހޭ ކަންކަމުގައި ވަކާލާތުކޮށް، މަޝްވަރާކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައެޅިފައިވާ އެންމެ މުހިންމު މަޖިލީހުގެ މިފަދަ އިސް މަޤާމަކަށް ދިވެހިރާއްޖެއަށް އާދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަނެފައިވާކަމުގެ ރަމްޒެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ބިއުރޯއިން ޖާގަ ލިބުމަކީ ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގު އ.ދ. ގެ އެހެން މެމްބަރު ޤައުމުތަކުން ވަޒަންކުރާ މިންވަރު ދޭހަވާކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. 

މިމަޤާމަށް ދިވެހިރާއްޖެ ހޮވިފައިވަނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤަރާރަށް 75 އަހަރު ފުރުމުގެ މުނާސަބަތުގެ އެއް ދުވަސް ކުރިންނެވެ. އެހެންކަމުން، މިއީ މިޤަރާރުގައި ބަޔާންކުރާ ޕްރިންސިޕަލްތަކަށާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން ކަށަވަރުކޮށް ބަޔާންކުރާ ޙައްޤުތައް ދަމަހައްޓައި، ދުނިޔޭގެ ފެންވަރުގައި އެޙައްޤުތަކަށް އިޙްތިރާމު ހޯދައި ވަކާލާތުކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ މުހިންމު ފުރުޞަތެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 2023 ވަނަ އަހަރުގެ ރިޔާސަތު ބެލެހެއްޓުމަށް ހޮވިފައިވަނީ ޗެކް ރިޕަބްލިކް އެވެ. އަދި އެކައުންސިލްގެ 2023 ވަނަ އަހަރުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖޭގެ އިތުރުން ބޮލީވިއާ، ގޭމްބިއާ އަދި ލަކްސެމްބަރގް ވަނީ ހޮވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *