އެޗްއާރްސީއެމްގެ ރައީސާ، މަރްޔަމް މުނާ - ފޮޓޯ: ރައީސް އޮފީސް

މިނިވަންކަމާއި ރައްކާތެރިކަމާއެކު އިންސާފުވެރި މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިދިނުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާ މަރްޔަމް މުނާ ގޮވާލައްވައިފި އެވެ.

މުނާ މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަ ކުރާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މި ޚިތާބުގައި މުނާ ވިދާޅުވީ އިންސާނީ ހައްޤުތަކަކީ ކޮންމެ މީހަކަށްވެސް އިންސާނަކަށްވީތީ ލިބިދޭން ހެނޭ ހައްޤުތަކެއް ކަމަށާއި، މި ހައްގުތައް ލިބިގަތުމުގައި ނުވަތަ ހިމާޔަތް ކުރުމުގައި އެމީހެއްގެ ޤައުމަކަށް، ޖިންސަކަށް، ކުލައަކަށް، ދީނަކަށް ނުވަތަ ބަހުރުވައަކަށް ބަލަން ނުޖެހޭ ކަމަށެވެ.

ހައްގުތަކުގެ ވާހަކަ ދައްކާއިރު ކޮންމެ ހައްގަކާއި އެކު ޒިންމާތަކެއް ވާކަން ޤަބޫލުކުރަން ޖެހޭ ކަމަށާއި، ތިމާގެ ހައްޤުތަކެއް ވާފަދައިން އަނެކާގެ ހައްޤުތަކެއްވެސް ވާކަން ގަބޫލުކުރަން ޖެހޭ ކަމަށް މުނާ ވިދާޅުވިއެވެ.

ތިމާގެ ހައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އަނެކާގެ ހައްޤުތަކަށްވެސް އިހްތިރާމް ކުރަންޖެހޭ. އަޅުގަނޑުމެންގެ މުޖުތަމައަކީ ސުލްހަވެރި، ރައްކާތެރި މުޖުތަމައަކަށް ހެދޭނީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެ ޒިންމާދާރު މުޖުތަމައެއް ބިނާ ކުރެވިގެން."

އަދި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ގާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރުވެރިކަން ނަގަހައްޓާއި ދެމެހެއްޓުމަށް ދައުލަތުގެ ތިންބާރުންވެސް މަސައްކަތް ކުރުން މުހިންމު ކަމަށް މުނާ ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްޤެއް ނިގުޅައިނުގަނެވޭނެގޮތަށް އަމަލުތައް ބެހެއްޓުމަށާއި ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ދެމިއޮންނާނެ ގޮތަށް ހުރިހާ ފަރާތްތަކުންނާއި ހާއްސަކޮށް އަމަން ބަލަހައްޓާ ފަރާތްތަކުން މަސައްކަތް ކުރުމަށާއި، އިންސާނީ ކަރާމާތަށް ސަމާލުކަން ދިނުން މުހިންމު ކަމަށް މުނާ ވިދާޅުވިއެވެ.

މިނިވަން ކަމާއި ކަރާމާތްތެރިކަމާއި އިންސާފުވެރި މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބިދޭން ޖެހޭ އަސާސީ ހައްޤެއް ކަމަށްވެސް މުނާ ވިދާޅުވިއެވެ.

އަދި ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދު ތަކާއި ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ލިބިދޭން ޖެހޭ އެންމެހާ ހައްޤުތަކާއި ރައްކާތެރިކަން ލިބެމުންދާކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް މުނާ ވިދާޅުވިއެވެ.

އެގޮތުން އަންހެނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ މުހިންމު ހިއްސާއެއް އަދާކުރާ ބަޔަކަށްވާއިރު އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކާއި އަންހެނުންގެ ހައްޤުތަކަށް އުނިކަން އަންނަ ކަންތައްތައް ދެނެގަނެ އެފަދަ ކަންތައްތައް އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކަކީ އެޗްއާރްސީއެމުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް ކަމަށްވެސް މުނާ ވިދާޅުވިއެވެ.

އަދި ކުޑަކުދިންނަކީ ސަލާމަތްތެރި ރައްކާތެރި އަދި އެންމެ އެކަށީގެންވާ މާހައުލެއްގައި ރަނގަޅު ތަރުބިއްޔަތާއި އެކު ބޮޑުވަމުން އަންނަން ކުދިންނަށް ވެއްޖެނަމަ ޤައުމުގެ މުސްތަގުބަލު ވަރަށްވެސް އުޖާލާވެގެންދާނެ ކަމަށް މުނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެޗްއާރްސީއެމް އިން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިންސާނީ ހައްޤަށާއި ކުޑަކުދިންގެ ހައްޤުތަކަށް ހޭލުންތެރިކުރުވުމާއި ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިޔަށް ގެންދެވުނުކަން މުނާ ފާހަގަ ކުރެއްވިއެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއިމެދު އަމަލުކުރެވެމުންދާ ގޮތް ބަލާ އެކުދިންގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި މާލެއާއި އަތޮޅުތެރޭގައި އެ ކުދިން ބަލަހައްޓާ ތަންތަނަށް ޒިޔާރަތްކޮށް ހާއްސަ މަސައްކަތްތަކެއް މިއަހަރު ކުރެވުނު ކަމަށްވެސް މުނާ ވިދާޅުވިއެވެ.

ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހުއްޓުވުމަށް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެސޯސިއޭޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗަރ (އޭ.ޕީ.ޓީ) އާއި އެކު އެމްއޯޔޫއެއްގައި މިއަހަރު ސޮއިކޮށްފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން އެ އެސޯސިއޭޝަނާއި ގުޅިގެން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތައް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި ހިއްސާކޮށް އެކަންކަމަށް ހައްލު ހޯދުމަށް ދައުލަތަށް ހުށަހެޅޭނެ ކަމަށް މުނާ ވިދާޅުވިއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *