މުޅި ދުނިޔެއިން ދަތުރުކުރަން އެންމެ ބޮޑަށް ހުޅުވާލާފައިވާ، އެންމެ ފަސޭހަ އަދި އެންމެ މަރުހަބާ ކިޔާ ޤައުމުތަކުގެ އެއްވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.

ސީއެންއެންގެ ޓްރެވެލް ޕޭޖްގައިވާ ލިސްޓުގައިވާ ގޮތުން ރާއްޖެ ދުނިޔޭގެ އެންމެ 'ވެލްކަމިން'  އެއް ގައުމީ ދިވެހިރާއްޖެއެވެ. އަދި ޕާސްޕޯޓް ރެސްޓްރިކްޝަންސްތަކަށް ބަލާ އެންމެ ފަސޭހައިން ދަތުރުކުރެވޭ ލިސްޓުގެ އެއްވަނައިގައި ރާއްޖެއާއި އެކު 23 ގައުމެއް ހިމަނާފައިވެއެވެ.

އެ ގައުމުތަކަކީ އެންގޯލާ، ޖިބޫޓީ، ގިނީ، ދިވެހިރާއްޖެ، ކޮމޮރޯސް، ސޯމާލިއާ، ބޮލީވިއާ، އީސްޓް ޓިމޯރ، މަލާވީ، ގަތަރު، މައިކްރޯނޭޝިއާ، ބުރޫންޑީ، ގިނީ-ބިސާއު، ނައިޖީރިއާ، ޓޫވާލޫ، ސަމޯއާ، ގޭބޮން، އައިވަރީ ކޯސްޓް، ދެކުނު ސޫދާން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ރުވާންޑާ، ކެމްބޯޑިއާ، އިތިއޮޕިއާ އެވެ.

މި ލިސްޓުގެ ދެވަނައިގައި ހިމަނާފައިވަނި ސީޝެލްސް، ޓޯގޯ، ޔޫގަންޑާ، ކޭޕް ވަރޑޭ، މޮރިޓޭނިއާ އަދި ސުރީނާމް އެވެ.

ތިންވަނައިގައި ހިމަނާފައިވަނީ ޕަލައު، ޑޮމިނިކާ އަދި މަޑަގަސްކަރަ އެވެ. ހަތަރުވަނައިގައި ވަނީ މެލޭޝިޔާއެވެ. ފަސްވަނައިގައި ލެސޯތޯއެވެ.

އެންމެ ކުޑަކޮށް ހުޅުވާލާފައި އޮންނަ ދަތުރު ކުރަން އެންމެ އުނދަގޫ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އުތުރު ކޮރެއާ، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ. އެއީ ލިސްޓުގެ 86 ވަނައިގައެވެ. 85 ވަނައިގައި އޮތީ މަކާއޯ، ލީބިޔާ، އެރިޓްރިއާ އަދި ބޫޓާން އެވެ. 84 ވަނައިގައި އޮތީ އިކުއެޓޯރިއަލް ގިނީ އެވެ. 83 ވަނައިގައި އޮތީ ސޫދާން، އަލްޖީރިއާ އެވެ. 82 ވަނައިގައި މިޔަންމާ އާއި ކެމަރޫން އެވެ.

މި ލިސްޓަކީ ލިބެން ހުރި އެންމެ ފަހުގެ ޕާސްޕޯޓް އިިންޑެކްސްތަކަށް ބަލާ ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. އެގޮތުން 'އާޓަން ކެޕިޓަލްސް ޕާސްޕޯޓް އިންޑެކްސް' އާއި 'ހެންލީ ޕާސްޕޯޓް އިންޑެކްސް' އާއި އަޅާކިޔާފައިވެއެވެ. އާޓަން ކެޕިޓަލްސް ރޭންކިންގައި ބުނާ ގޮތުން ޕާސްޕޯޓަށް ބަލާއިރު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަކީ ޔޫއޭއީި އެވެ. އެހެންނަމަވެސް ހެންލީ ރޭންކިންއަށް ބަލާއިރު އެހެން މެތޮޑޮލޮޖީއެއް ބޭނުން ކޮށްގެން އެންމެ ބާރުގަދަ ގައުމުގެ ދަރަޖަ ދީފައި ވަނީ ޖަޕާނަށެވެ.

އާޓަން ކެޕިޓަލްގެ 2022 ވަނަ އަހަރުގެ 'ވެލްކަމިން ކަންޓްރީސް ރޭންކް' އަކީ ރިއަލް ޓައިމްގައި އަޕްޓޭޑްވާ ރޭންކިން އެކެވެ. އެގޮތުން ވިސާއަށް ދޭ ލުއިތަކާއި ގެންނަ ކޮންމެ ބަދަލަކާއި އެކު މި ރޭންކިން އަޕްޑޭޓް ވެއެވެ. 'ވެލްކަމިން ކަންޓްރީސް' ރޭންކިންގައި 199 ގައުމަކަށް ބަލާފައިވެއެވެ. މި ލިސްޓު ތައްޔާރުކުރުމުުގައި ބަލާފައިވަނީ ޕާސްޕޯޓަށް އެންމެ ގިނަ ވިސާ-ފްރީ ގައުމުތައް އަދި އޮންއެރައިވަލް ވިސާ ލިބޭ ގައުމުތަކަށެވެ.

ރާއްޖެ ހިމެނިފައި މިއޮތީ މި 199 ގައުމުގެ ތެރެއިން 198 ގައުމުގެ ޕާސްޕޯޓުގައި އެންމެ ފަސޭހައިން ވަދެވޭ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައިވާ 23 ގައުމުގެ ތެރޭގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *