ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްގީ ކުރަމުން އަންނަ އިންޓަނޭޝަނަލް ޓާމިނަލްގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން ވިދާޅުވީ އައު ޓާމިނަލްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.
ކުރިން ހަދާފައިވާ ޑިޒައިނުގައި ހުރި މައްސަލަތައް ހައްލުކޮށް ކޮންޓްރެކްޓަރާއެކީ އެކަމުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
ވީއައިއޭގައި މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
އެހެންނަމަވެސް އަލަށް ތަރައްގީކުރާ ޓާމިނަލުން އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެއެވެ. މިޓާމިނަލް ތަރައްގީކުރަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ.
78 ހާސް އަކަ މީޓަރުގެ މިޓާމިނަލް ތަރައްގީކުރަނީ ސައުދީ އަރަބިއްޔާގެ، ސައުދީ ބިންލާދިން ކުންފުނިންނެވެ.
އެމަސައްކަތް އެކުންފުންޏާއި ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުގައެވެ.