ވައިގެ މަގުން ޕާކިސްތާނުން އައި ޕާކިސްތާނު މީހެއްގެ އަތުން 17.26 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އަތުލައިގެންފިއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17.26 ހުރި އިރު މިތަކެތީގެ މަގުމަތީ އަގު އެކާވީސް މިލިއަނަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ 18 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ ފިރިހެން ފަސިންޖަރަކާއިމެދު ޝައްކު ކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ބަލާ ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހްލީލުކުރި އިރު ވަނީ ހެރޮއިން އަަށް ޕޮޒިޓިވް ވެފައެވެ.
މިއީ މިއަހަރުގެ މިހާތަނަށް މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮން އަތުލައިގެން 6 ވަނަ ފަހަރެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 55.405 ކިލޯގެ ހެރޮއިން އަތުލައިގެންފައިވެއެވެ.
މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގެނުވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.