119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
މާލެ އާއި ހުޅުމާލޭގައި ފުލުހުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ޑައިފޯމިން ޓްރެކް ކުރުމުގެ ދައުވާ ދައުލަތުން މުޖާހިދުގެ މައްޗަށް އުފުލާފައިވާއިރު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މި ދިޔަ ނޮވެމްބަރު 23ގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުޖާހިދު ކްރިމިނަލް ކޯޓުން ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. ހައިކޯޓުގައި ދައުލަތުން ބުނެފައި ވަނީ މުޖާހިދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނު އަސާސީގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާން ކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.
އެހެންކަމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ދައުލަތުން ހުށަހަޅައިފި ނަމަ، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައިގައި ނިންމާ ނިންމުމުގެ އަލީގައި މުޖާހިދުގެ ބަންދާމެދު ގޮތެއް ނިންމަންވާނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ހައިކޯޓުގައި އެދުނެވެ.
ހައި ކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނެފައިވަނީ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތުމަކީ ތުހުމަތުގައިވާ މީހާ ބަންދުކުރުމަށް ނުވަތަ ބަންދުން ދޫކޮށްލުމަށް ބެލިދާނެ ޤާނޫނީ ސަބަބެއް ނޫންކަމަށެވެ. އެހެންކަމުން މުޖާހިދު ބަންދުގައި ބެހެއްޓުމަށް ނިންމި ނިންމުން ބާތިލުނުވެ ދެމިއޮތްކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ ދައުލަތުން ދައުވާ ކޮށްފައިވަނީ ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ގެ އިތުރުން ގދ. ހޯނޑެއްދޫ/ އަލޯރާ، އަހުމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހުމަދު ސުނައިނު (25އ)ގެ މައްޗަށެވެ.