ރާއްޖޭގައި ޑްރޯން ބޭނުން ކޮށްގެން ތަފާތު ހިދުމަތްތައް ދިނުމުގެ ހުއްދަ އަންނަ އަހަރުގެތެރޭގައި ދޭން ފެށޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ބައިނަލްއަޤްވާމީ ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައިދެއްވި ހިތާބުގައެވެ.
މި ހިތާބުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އޭވިއޭޝަންގެ ދާއިރާ ފުޅާކުރުމަށް ތަފާތު ހަރަކާތްތަކެއް އެބަ ހިންގޭ ކަމަށެވެ. އެގޮތުން ޑްރޯން އޮޕަރޭޓް ކުރުމަށް ބޭނުންވާ ސީ.އޭ.އޭ ރެގިއުލޭޝަންސް މިއަހަރުގެ ނިޔަލަށް ތައްޔާރުކޮށް ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭވިއޭޝަންގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި ގުޅޭ ގޮތުން މިނިންޓަރ ވިދާޅުވީ މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ލަނޑުދަނޑި ހާސިލް ކުރެވޭނެ ކަމަށެވެ.
އަދި އެތެރޭގެ އުދުންތަކުގެ ހަރަކާތްތައް ހުރީ 90 އިންސައްތައިން މަތީގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ބައިނަލްއަގްވާމީ މުޖުތަމައާއި ދެމެދު އޮންނަ ވައިގެ ދައތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން އެކި ގައުމަތަކާއި އެކު ވެފައިވާ އެއާސާރވިސް އެގްރިމެންޓްތަކުގެ ދަށުން 27 ގައުމެއްގެ 43 އެއާލައިން އިން މިހާރު ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓް ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިވިލް އޭވިއޭޝަންގެ ދާއިރާއިން މީހުން ބިނާ ކުރުމާއި ގުޅޭ ގޮތުން މިނިސްޓްރ ވިދާޅުވީ، އޭވިއޭޝަން ނެކްސްޓް ޖެން ގެ ނަމުގައި ސްކޮލަރޝިޕް ސްކީމެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ފުރަތަމަ ބެޗަށް ސްކޮލަރޝިޕްތައް އެވޯޑް ކުރެވި، ކިޔަވާ ނިމި މިހާރު އޭވިއޭޝަން ދާއިރާގައި ހިދުމަތް ދެމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ސަބަބުން އެއާ ނެވިގޭޝަން ދާއިރާއިން އިންސްޕެކްޓަރުން ތަމްރީނުކުރުމާއި ބޮޑެތި ބޯޓުތަކުގެ ޕައިލެޓް ޓްރޭނިންތައް އޮތޯރިޓީގެ އިންސްޕެކްޓަރުންނަށް ލިބިފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.