އެޗްޑީސީން ކޮށްފައިވާ އިއުލާނުތަކާ އެއްގޮތަށް, ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގާފައި ނުވާތީ އެ އުޅަނދުތައް ނައްތާލަން އެ ކޯޕަރޭޝަނުން ކޯޓުގެ ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ތިލަފުށީ ފަޅުގައި ގިނަ ދުވަސްތަކެއްވަންދެން އަޅާފައިވާ އުޅަނދުތަކާއި، ފެތިވައިވާ އުޅަނދުތައް ނެގުމަށް، އެޗްޑީސީން ކުރި އިޢުލާނާއި އެއްގޮތަށް ނުނަގާތީ، އެ އުޅަނދުތައް ނައްތާލުމުގެ ޢަމުރަކަށް އެ ކުންފުނިން ސިވިލް ކޯޓުގައި އެދުނީ، ފަސް ފަހަރެއްގެ މަތިން އިއުލާންކޮށްގެންވެސް އެ ތަކެތި ނަގާފައި ނުވާތީއެވެ. އެޗުޑީސީން ކޯޓުގައި އެދުނީ އެ އުޅަނދުތައް ނަގައި، ނައްތާލުމުގެ ޢަމުރަކަށެވެ.
ތިލަފުށި ފަޅު ހުސްކުރުމުގެ މަސައްކަތް ކުރިން އެ ތަނާ ހަވާލުވެގެން ތިބި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ފެށީ 2019ގެ ޖޫން މަހު އެވެ. އެޗްޑީސީއާ މި މަސައްކަތް ހަވާލުވީ 2020ގައި ދެ ކުންފުނި އެއްކޮށްލުމާ ގުޅިގެންނެވެ.
އުޅަނދުތައް ނައްތާލުމުގެ ހުއްދައަކަށް އެޗްޑީސީން އެދުނު ނަމަވެސް، ކޯޓުން ހުކުމް ކުރީ އެޗްޑީސީއަށް އެ ހައްގު އޮތުމާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ނައްތާލަން އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ ތިލަފުށި ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅިގެންނެވެ. އެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ކުނިން ހަކަތަ އުފައްދަން ހިންގާ ގްރޭޓާ މާލޭ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓާއި ވިޔަފާރި އާއި ސިނާއީ ބޭނުންތަކަށް 127 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ.