ޝެންގެން ވިސާ ހޯދުމުގައި ރާއްޖެއަށް ލުއި ފަސޭހަ ކޮށްދިނުމަށް އެދިއްޖެއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހުރިހާ ގައުމަކަށް ވެސް ދަތުރުކުރެވޭ ވިސާ ކަމަށްވާ ޝެންގެން ވިސާ ހޯދުމުގައި ރާއްޖެއަށް ލުއި ފަސޭހަ ކޮށްދިނުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގަތީ ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ވޯލްޑް އެކްސްޕޯ 2030ގެ އިލެކްޓޯރަލް ކެމްޕެއިން ބިޑް ކޮމިޓީގެ ރައީސް އަދި އިޓަލީއަށް ނިސްބަތްވާ ގައެޓާނޯ ކަސްޓެލީނީ ކޫރިއެލް އަރިހުން މިނިސްޓަރ ޝާހިދު ވަނީ، ރާއްޖޭއިން އެކްސްޕޯޓު ކުރާ މަހަށް އީޔޫގެ ގައުމުތަކުން ނަގާ ޓެރިފް ކުޑަ ކޮށްދިނުމަށް ވެސް އެދިވަޑައިގަންފައެވެ.
މީގެއިތުރުން އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، އީޔޫގެ ގައުމުތަކާއި ރާއްޖެއާއި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދުވެސް މަޝްވަރާ ކުރައްވާފައިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކައިގަ ވަނީ އިޓަލީ އާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އުފެއްދުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ.
މިމަހުގެ ފަހަކުން ހަތަކަށް ރާއްޖެއަށް ގައެޓާނޯ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ވެސް ބައްދަލުކުރައްވާނެއެވެ.