މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު ހާމަކުރާކަން ފާހަގަކުރެވޭކަމަށް އެއޮތޯރިޓީން ބުނެފިއެވެ.
އެމްކިއުއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ، މަތީ ތައުލީމާއި ތަމްރީންގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއާއި ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާއެއްކަން ފާހަަގަކޮށްފައެވެ. އެހެންކަމުން އެކި ފަރާތްތަކުން ހާސިލްކުރާ ސަނަދުތަކަކީ، އެއޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކަކަށް ވާން ޖެހޭކަންވެސް ފާހަގަކޮށްފައެވެ.
ބޭރުގެ އެކި އިންސްޓިޓިއުޓްތަކުންނާއި ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ހިންގާ އެކި ކޯސްތަކުގައި ދޫކުރާ ސަނަދުތަކަކީ އެމްކިއުއޭ ގަބޫލުކުރާ ސަނަދަކަށް ވާންޖެހެ އެވެ. ވަޒީފާތައް ދިނުމުގައި ބަލާނީ އެ އިދާރާއިން ތައްގަނޑު ޖަހާ ވެލިޑޭޓްކޮށްފައިވާ ލިޔުމެއްތޯ އެވެ.
އެމްކިއުއޭއިން ބުނީ، އެގޮތަށް އެއޮތޯރިޓީން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިފަދަ ސަނަދުތަކުގެ ތެރޭގައި އެ އޮތޯރިޓީން ގަބޫލުނުކުރާކަމަށް އާންމުކޮށް އިއުލާންކޮށްފައިވާ ސަނަދުތަކާއި، ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތަކުގެ ދަށުން، އެކި ސަބަބުތަކާއި ހެދި އޮތޯރިޓީއަށް ގަބޫލުނުކުރެވޭ ސަނަދުތައްވެސް ހިމެނޭކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.
އެހެންކަމުން މުއައްސަސާތަކުންނާއި، ސަނަދު ހާސިލްކުރާ ފަރާތްތަކުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.