ޝާހްރުޚް ހާން އޭ ބުނެފިނަމަ ހަމަ ޔަގީނުންވެސް އިތުރު އެއްވެސް ތައަރަފެއް ބޭނުމެއް ނުވާނެއެވެ. ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހް ގިނަ ކާމިޔާބު ފިލްމުތަކެއް ލީޑްރޯލުން ވަނީ ފެނިގެން ގޮސްފައިއެވެ.
ދާދިފަހުން އިންޑިއާގެ ޓީވީ ޕްރެޒެންޓަރަކަށް ދިން އިންޓަވިއުއެއްގައި ޝާހް ބުނީ، އެވޯޑްތައް ލިބުނީމަ އުފާވަ ކަމަށާއި އެވޯޑް ބޭނުންވާ ކަމަށެވެ. 32 އަހަރުވަންދެން މީހުން އުފާކޮށްދޭން މަސައްކަތް ކުރެވިއްޖެ ކަމަށާއި، ބައެއް ކާމިޔާބުވާއިރު އަނެއް ބައި ފަހަރު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
ދުނިޔޭގައި ބާއްވާ ބޮޑެތި ރަސްމިއްޔާތުތަކުގައި އިންޑިއާގެ މޫނެއްގެ ގޮތުން އިންޑިއާ ތަމްސީލް ކުރަން ދިޔުމުގެ ފުރުސަތު ލިބެނީ ޝާހްގެ ނަސީބު ގަދަކަމުން ކަމަށްވެސް ބުންޏެވެ. އެކި ގައުމުތަކަށް ގޮސް، އިންޑިއާގައި ފިލްމު އުފައްދާ ގޮތްތަކާއި ހުރިހާ މައުލޫމާތު ތަކެއް ކިޔައިދޭން ފުރުސަތު ލިބުމުން އެކަމާއި ވަރަށް އުފާވާ ކަމަށްވެސް ޝާހް ބުންޏެވެ.
ބެލުންތެރިންނަށް ދެން ޝާހް އެންމެ އަވަހަށް ފެނިގެންދާނީ، ސިދާންތު އާނަންދުގެ ފިލްމު "ޕަތާން" އިންނެވެ. އެ ފިލްމުގެ ލީޑުން ޝާހްގެ އިތުރުން ދިޕިކާ ޕަޑްކޯން އަދި ޖޯން އަބްރަހަމް ވެސް ފެނިގެންދާނެއެވެ. މީގެއިތުރުން، ރާޖުކުމާރު ހިރާނީގެ ފިލްމު "ޑުންކީ" އަދި އަޓްލީގެ ފިލްމި "ޖަވާން" އިންވެސް ޝާހް ފެނިގެންދާނެއެވެ.