މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ރޭ ފެށި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގާ އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްއިން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާކަމަށާ އެހެންކަމުން ރޭ ފެށި މި އޮޕަރޭޝަނަކީ މިއާއި ގުޅިގެން ފެށި އޮޕަރޭޝަނެއްކަމަށެވެ.
ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާތީ ކުއްލި އޮޕަރޭޝަނެއް ފަށާފައި މިވަނީ މިއަހަރުގެ މިހާތަނަށް ސްކޭމް ކޯލުގެ 998 މައްސަލަ ފުލުހުންނަށް ހުށަހަޅައި، އޮޅުވާލައިގެން 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.
މި އަހަރުގެ މިހާތަނަށް ދުވާލަކަށް 68،000 ރުފިޔާ އާންމުންގެ އަތުން ސްކޭމް ކޯލްތައް މެދުވެރިކޮށް ފޭރިފައިވެއެވެ. އެއީ މަހެއްގެ މައްޗަށް އެވަރެޖުކޮށް ދެ މިލިއަން ރުފިޔާ އެވެ.
ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ކޮވިޑްގެ ޕެންޑަމިކާއެކު އިތުރުވެގެންދިޔައެވެ.