އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލުމަށް ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މީރާއިން ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.
ޖަނަވަރީ އެކަކުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ. އަދި އެ ސިސްޓަމް މެދުވެރިކޮށް ކައުންސިލްތަކުގެ އެކައުންޓަށް ފީ ޖަމާކުރެވޭނީ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަނޑޭރި ޕޭ އާ ގުޅުވާލުމުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާލާފައިވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާ ގޮތަކަށް ކަމަށާ މި މުއްދަތުގެ ނިޔަލަށް ބަނޑޭރި ޕޭއާ ގުޅާލާފައިނުވާ ކައުންސިލްތަކަށް ދައްކާ ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށެވެ.
ބަނޑޭރި ޕޭއާ ގުޅާލާފައިނުވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް، މި މަސް ނިމުމުގެ ކުރިން ގުޅުވުމަށް ކައުންސިލްތަކަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.