ޗައިނާގެ ވެރިރަށް ބެއިޖިންގައި ސްޕަމާކެޓްތަކާއި ކޮމާޝަލް ބިލްޑިންގްތަކަށް ވަންނަން ނެގެޓިވް ކޮވިޑް ޓެސްޓެއް ބޭނުންނުވާ ގޮތަށް ހަމަޖައްސައިފިއެވެ.
ބެއިޖިންއިން މިކަން ނިންމާފައިވަނީ ސަރުކާރުން އަޅާފައިވާ ހަރުކަށި ޒީރޯ ކޮވިޑް ސްޓްރެޓެޖީ އާއި ގުޅިގެން ނުރުހުން ފާޅުކޮށް އާންމުން ކުރި މުޒަހަރާތަކަށްފަހު އެވެ.
ބެއިޖިންއިން ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ކުޑަ ލުޔެއްދިން ނަމަވެސް ސުކޫލުތަކާއި ބާތަކާށާއި ކަރޯކޭ ޖައްސާތަންތަނާއި އިންޓަނެޓް ކެފޭ ތަކާއި އިންޑޯ ޖިމްތަކާއި ނާސިން ހޯމްތަކަށް ވަދެވޭނީ ނެގެޓިވް ނަތީޖާއާއި އެކުގައެވެ.
ބެއިޖިންގައި ދޫތަކެއް ދީފައި މިވަނީ ފާއިރުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، މިދިޔަ މަހު އާންމުންގެ ފަރާތުން ފެނުނު އެންމެ ބޮޑު މަދަނީ ބަސްނޭހުންތަކަށް ފަހު ޗައިނާގެ އެކި ސިޓީތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ލުއިތަކެއްދީފައިވާ ދަނޑިވަޅެއްގައެވެ.
ފިޔަވަޅުތަކަށް ލުއި ދިނުމަށް ގޮވާލާ ޗައިނާގެ ވިއްސަކަށްވުރެ ގިނަ ސިޓީގައި އާންމުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރިއެވެ. މުޒާހަރާތައް ފެށިގެން ދިޔައީ 25 ނޮވެމްބަރުގައެވެ. ޒިންޖިއަންގައި މުޒާހަރާ ކުރި މީހުން ތުހުމަތު ކުރާ ގޮތުގައި ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން އިމާރާތެއްގެ އެތެރޭގައި ތާށިވެފައިވާ ބަޔަކު އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ މަރުވެފައެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވި މައްސަލައިގައި އެމީހުން އިމާރާތުގައި ތާށިވެ މީހުން ސަލާމަތް ކުރުމަށް ލޮކްޑައުންގެ ފިޔަވަޅުތަކުން އަސަރުކުރި ކަމަށް ކުރާ ތުހުމަތުތައް ޗައިނާގެ ރަސްމީ އިދާރާތަކުން ދޮގު ކުރެއެވެ.