ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލް އިން ބަޔަކު ނިކުންނަނީ - ފޮޓޯ: މިހާރު

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިޕާޗަރ ޓެކްސްގެ ގޮތުގައި މިއަހަރު ދައުލަތައް 653،464،588 (ހަސަތޭކަ ފަންސާސް ތިން މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސް ފައްސަތޭކަ އަށްޑިހައަށެއް) ރުފިޔާ ވަނީ ލިބިފައެވެ.  މިދިޔަ އަހަރުގެ މި މުއްދަތުގައި އެއަރޕޯޓް ސާރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 358،883،309 (ތިންސަތޭކަ ފަންސާސް އަށް މިލިއަން އަށްސަތޭކަ އަށްލައްކަ އަށްޑިހަތިންހާސް ތިންސަތޭކަ ނުވައެއް) ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 2 ގުނަ އިތުރުވުމެކެވެ. އަދި އޭޑީއެފްގެ ގޮތުގައި 668.2 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނު ކުރިން އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއިއެކު ޓެކްސް ނަގަނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މީރާއަށް 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ. މީގެތެރެއިން %3.6 ހިއްސާކުރަނީ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރުގެ ނިޔަލަށް ދައުލަތަށް ލިބުނީ 358.8 މިލިއަން ރުފިޔާ އެވެ. އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 365.7 މިލިއަން ރުފިޔާ އެވެ.

ޑިޕާޗަރ ޓެކްސް ނަގާނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާނީ 60 ޑޮލަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *