އިސްލާމިކް ސްޓޭޓްގެ ދިވެހި ލީޑަރު ކަމަށް ބުނާ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިޔަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ދިވެހިފުލުހުންނާއި ޔޫރަޕިއަން ޔޫނިއަންގެ ދެ ގައުމެއްގެ ފުލުހުންނާއި އެމެރިކާގެ އެފްބީއައި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޫދު ހައްޔަރުކުރީ 2021 ވަނަ އަހަރުގެ 06 ޖެނުއަރީގައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ހޫދުގެ ބަންދާއި މެދު ގޮތެއް ނިންމުމެވެ.
މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެކަމަށް ބަލާ ޝަރީއަތް ނިމެންދެން ހޫދު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމަށް ގެންނަން ނުޖެހޭ ކަމަަށެވެ.
އަދި ކުރިޔަށް ހުރި ޝަރީއަތްތައް ގެންދާނީ ސިއްރުކޮށްގެން ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތުގެ މެންބަރަކަށްވުމުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާމީހެއްކަން ދޭހަވާފަދަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ ހިމެނެއެވެ. މި ފަސް ދައުވާ ސާބިތުވެއްޖެނަމަ ހޫދުގެ މައްޗަށް މަދުވެގެން 34 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް ފޮޓޯ/ވީޑިއޯ އާއި ލިޔެކިއުންތައް ފަތުރާ ޝާއިއުކޮށް ޓެރަރިޒަމްގެ އަމަލެއް ރާވާ ހިންގަފާނެ ކަމުގެ އިންޒާރު ހޫދު ދެމުންދާކަމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހެޅި އިރު ތުހުމަތުކޮށްފައެވެ.