މެލޭޝިއާގެ އިގްތިސާދު ރަނގަޅުވަންދެން ވަޒީރުންގެ މުސާރައިގެ 20 އިންސައްތައަށް ކަނޑާލުމަށް ވަޒީރުން މަޖިލީހުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންވަރު ވިދާޅުވީ މިއީ އެގައުމުގެ ގިނަބަޔަކަށް
ދަތިވެފައިވާ ދަނޑިވަޅެއްގައި އެކަން ދެނެގަތުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ދައްކަވާ އަމަލެއް ކަމަށެވެ.
މިކަމުން އެނގެނީ މިނިސްޓަރުންވެސް އާންމުންގެ ދިރިއުޅުމާމެދު ކަންބޮޑުވާކަން.”
އެގައުމުގެ އިގްތިސާދު ކުރިއަރަންދެން މުސާރަ ކުޑަކުރުން ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.
އައު ސަރުކާރު އެކުލަވާލެއްވުމަށްފަހު ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމަށްފަހު އަންވަރު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ، އަންވަރުގެ ބޮޑުވަޒީރުކަމުގެ 5 އަހަރުގެ ދައުރު ނިމެންދެންވެސް ވަޒީރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުން ތަންފީޒު ކުރައްވާނަންތޯ ނޫސަވެރިން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އަންވަރު ވިދާޅުވީ ވަޒީރުންގެ މުސާރަކުޑަކުރުން ތަންފީޒު ކުރާނީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ރޭންޖެއްގެ މުއްދަތަކަށް ކަމަށެވެ. އެކަން ނިންމާނީ ހާލަތަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް އަންވަރު ވިދާޅުވިއެވެ.
އަދި ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އެއްވެސް މުސާރައެއް ނުނަންގަވާނެ ކަމަށް ބޮޑުވަޒީރު އަންވަރު ސާފުކޮށްދެއްވިއެވެ.
މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރުކަމަށް އަންވަރު އިންތިހާބުވެވަޑައިގެންނެވުމަށްފަހު އެއްވެސް މުސާރައެއް ނުނަންގަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އަންވަރު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމާއިވެސް ހަވާލުވެވަޑައިގެންފައެވެ.