ކާޖޮލް ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ސަލާމް ވެންކީ"ގެ ޕްރޮމޯޝަންތަކުގައި ވަރަށް ބުރަކޮށް އުޅެމުން އެބަދެއެވެ.
ފިލްމު ސަލާމް ވެންކީ އަކީ ބަލި ފިރެހެން ދަރިއަކާއި ހިތްވަރު ގަދަ މަންމައެއް ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތަކާއި އުނދަގޫތަކުން އަރައިގަނެ އުފަލުގައި ކުރިއަށްދާ މަންޒަރު ދައްކުވައިދޭ ފިލްމެކެވެ. އެގޮތުން މި ފިލްމުގައި މަންމަގެ ރޯލުން ކާޖޮލް ފެނިގެންދާއިރު ފިރެހެން ދަރިފުޅުގެ ރޯލުން ފެނިގެންދާނީ، ވިޝާލް ޖެތުވާ އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިލްމުގެ މަންޒަރަކުން މަޝްހޫރު ބަތަލު އާމިރު ހާން ވެސް ފެނިގެންދާނެއެވެ. މުމްބާއީގެ އިތުރުން، އިންޑިއާގެ އެކި ސިޓީތަކުގައި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ކާޖޮލް އަދި ވިޝާލް ދަނީ ކުރަމުންނެވެ. އެގޮތުން ޕްރޮމޯޝަންތަކުގެ ތެރެއިން ކާޖޮލް ވަނީ އޭނަގެ ބައެއް ސަޕޯޓަރުންނާއިވެސް ބައްދަލުކޮށްފައެވެ.
ސަލާމް ވެންކީ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، މި ހިނގާ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.