ރ. ދުވާފަރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ވެސް ސަސްޕެންޑް ކޮށްފިއެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ސަސްޕެންޑްކުރީ ސިވިސް ސާވިސް ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ކައުންސިލް ހިންގުން އެހެން ބޭފުޅަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ހިޔާނާތުގެ ތުހުމަތުތަކަކާއި ގުޅިގެން ދުވާފަރުގެ ހުރިހާ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން މިވަގުތު ތިބީ ސަސްޕެންޝަންގައެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭ އިން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށް ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލުކުރުން މަނާކޮށްފައެވެ.
ކޮވިޑް-19ގެ ޕެންޑަމިކް ތެރޭގައި ދުވާފަރު ކައުންސިލުން ވަނީ ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ކައުންސިލުން ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އެފައިސާ ޖަމާކޮށް ހަރަދުކޮށްފައެވެ. އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.
ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ހިންގި ތަހުގީގުގައި މިމައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވޭކަމަށް އޭސީސީން ބުނެއެވެ.
މިއަހަރުގެ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 ވަނަ ދުވަހާ ހަމައަށް އޭސީސީގެ ޚާއްސަ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތެރިވެފައިވެއެވެ. މައްސަލައިގެ ތަހުގީގު ސެޕްޓެމްބަރު 30ގައި ވަނީ ނިންމާލާފައެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު، މިކަމާގުޅިގެން ދައުވާކުރެވޭނެ މީހުންގެ މަޢުލޫމާތު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިމައްސަލާގައި ކައުންސިލްތަކުގެ ކަންކަން މޮނިޓަރކުރާ ލޯގަލް ގަވްމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނެރުނު ރިޕޯޓުގައިވަނީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުން އަދި ކައުންސިލްގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލުގެ ފައިސާ ލިޔެކިއުމެއް ނެތި ޖަމާކޮށްފައިވާކަން ހާމަކޮށްފައެވެ.
ނަގުދު ފައިސާއިންވެސް ހުއްދަނެތި ލިޔެކިއުމަކާއި ނުލާ ބޮޑެތި އަދަދުތަކުން ބައެއް ކައުންސިލަރުންނަށް ބަހާފައިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
ދުވާފަރު ކައުންސިލުން ބުނީ އެލްޖީއޭގެ ރިޕޯޓަކީ ޒިންމާދާރުކަން ކުޑަ ގޮތަކަށް އާންމު ކުރި ރިޕޯޓެއް ކަމަށެވެ. އެލްޖީއޭގެ ހޯދުންތަކަށް ޖަވާބުދާރީވުމަށް ކައުންސިލަށް އެކަށީގެންވާ ފުރުސަތުވެސް ދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓްގައިވާ ހުރިހާ ކަމެއް ކައުންސިލުން ދޮގުކޮށްފައެއް ނުވެއެވެ.