މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އެމެރިކާގައި ކުރިއަށްދިޔަ ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސް އެންޑް މާކެޓްޕްލޭސް 2022 ގައި ބައިވެރިވެ، ދިވެހިރާއްޖެ ތަމްސީލުކޮށްފިއެވެ.
މި އިވެންޓް ކުރިއަށް ދިޔައީ ނޮވެމްބަރު 28 ން ޑިސެމްބަރު 2ގެ ނިޔަލަށް ޖޭޑަބްލިއު މެރިޔޮޓް އޯސްޓިން، ޓެކްސަސްގައެވެ.
އެމެރިކާ މާކެޓުގެ އެންމެ މަގުބޫލު ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުންނާއި ބައްދަލުކުރުމުގެ ފުރުސަތު މި ކޮންފެރެންސްގައި އެމްއެމްޕީއާރުސީއަށް ލިބިގެންދިޔަކަމަށް އެކުންފުނިން ބުނެއެވެ.
ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސް އެންޑް މާކެޓްޕްލޭސް އަކީ 1972 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ އުތުރު އެމެރިކާގެ އެންމެ ބޮޑެތި ޓްރެވަލް ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ފަރާތްތަކާއި މަންޒިލްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި ރީޖަން ގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.
މިއަހަރުގެ ޔޫއެސްޓީއޯއޭގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ތަމްސީލްކުރީ އެމެރިކާއަށް ކަނޑައަޅާފައިވާ ޕީއާރު އެޖެންސީއިންނެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ބޭނުމަކީ ރާއްޖެއަކީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް, ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތަކާއި ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުމެވެ.
މި ކޮންފެރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 700އަށްވުރެ ގިނަ ފަރާތްތައް އެއް ތަނަކުން ބައްދަލުކޮށް، ނެޓްވޯކްކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ލިބިގެންދިޔަކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
"މިއީ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ހިދުމަތްދޭ ފަރާތްތަކާއި، މި ހިދުމަތްތައް އިޝްތިހާރުކުރުމާއި ވިއްކުމުގައި ހަރަކާތްތެރިވާ މީހުންނާ ބައްދަލުކުރުމަށް ފުރުސަތު ފަހިކޮށްދޭ ކޮންފަރެންސެއް. މި ކޮންފަރެންސްގައި ކުރިއަށްދިޔަ ސެމިނާތަކާއި، ސިމްޕޯޒިއަމްތަކާއި، ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތަކުގެ ތެރެއިން، އުތުރު އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާ އާއި މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ އެންމެ ފަހުގެ ޓްރެންޑްތަކާ ބެހޭ މައުލޫމާތާއި އަގުހުރި ވިސްނުންތައް އަޅުގަނޑުމެންނަށް ލިބިގެންދިޔަ"
އެމެރިކާ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ މަގުބޫލުކަން ދަމަހައްޓާ ހަރުދަނާ ކުރުމުގެ ސަބަބުން އެމެރިކާ އަކީ ދިވެހިރާއްޖެއާއި ދުރު ޤައުމެއް ކަމުގައި ވިޔަސް، އެއީ އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މުހިންމު މާކެޓެކެވެ.
މި އަހަރުގެ މިހާތަނަށް އުތުރު އެމެރިކާއިން 71,757 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރުގެ މިހާތަނަށް 6 ވަނަ އެންމެ ބޮޑު މާކެޓެވެ.
އެމެރިކާ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި އެމެރިކާ އަދި ކެނެޑާގެ އެކި ސިޓީތަކުގާ ބޭއްވުނު މޯލްޑިވްސް ރޯޑްޝޯތައް ހިމެނެއެވެ. މީގެ އިތުރުން އާޓާ އެޑްވެންޗަރ އެލެވޭޓް 2022 ގައި ބައިވެރިވުމާއި މީޑިޔާ އަދި އިންފްލުއެންސަރުންނާއެކު ފެމިލިއަރައިޒޭޝަން ދަތުރުތައް ކުރިއަށްގެންދިޔުމާއި އެ ސަރަހައްދަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެވަލް ޓްރޭޑް ވެބިނަރ ހިމެނެވެ. އަދި ވޯތް މެގަޒިނާއި ގޯވޭ އަދި އެސްްކިޔޫއާ ގުޅިގެން ކުރިއަށްގެންދިޔަ ކެމްޕެއިންތައްވެސް ފާހަގަކޮށްލެވެއެވެ.