ރާއްޖޭގެ ބްރޮޑްކާސްޓިން ހަޔާތުގައި ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި އަލް މަރްހޫމް ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަދާނުގައި ތައުޒިޔާގެ ދަފްތަރު ދިވެހި ރާއްޖޭގެ އަޑުގައި ހުޅުވައިފިއެވެ.
މި ދަފްތަރު ހުޅުއްވައިދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ހާލިދެވެ. ދިވެހިރާއްޖޭގެ އަޑުގައި ތައުޒިޔާގެ ދަފްތަރު ހުޅުވީ އަޑަކީ އެންމެ ގިނަ ދުވަހު އިބްރާހިމް މަނިކު ހިދުމަތް ކުރައްވާފައިވާ ތަން ކަމަށްވާތީ އެވެ.
އިބްރާހިމް މަނިކުވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި ބްރޮޑްކާސްޓިން، ލައިފްޓައިމް އެޗީވްމެންޓް އެވޯޑްވެސް ހާސިލް ކުރެއްވިއެވެ.
އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، 30 ނޮވެމްބަރ 2022 ގެ ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.
އިބްރާހީމް މަނިކު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރާވާ ކަމާއި، ޕްރޮގްރާމް ޕްރޮޑިއުސަރުކަން ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިންގ ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.
އެ މަނިކުފާނު މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ 11 ނޮވެންބަރު 1993 ގައެވެ. އަދި 13 ސެޕްޓެންބަރު 2004ގެ ނިޔަލަށް މި ދާއިރާގެ ވަޒީރު ކަމުގައި އެ މަނިކުފާނު ހުންނެވިއެވެ. އެހެންކަމުން، ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދާއިރާގައި އެ މަނިކުފާނު ހޭދަކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ ދާއިރާގެ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް މިހާތަނަށް އައި ކުރިއެރުމުގައި، އިބްރާހީމް މަނިކުގެ ޙިއްޞާ ވަރަށްބޮޑެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި ތަފާތު ޕްރޮގްރާމްތައް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އިބްރާހީމް މަނިކެވެ. އަދި އެތައް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ޢާންމުންގެ ލޯބި އެ މަނިކުފާނު ވަނީ ހޯއްދަވާފައެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމުގައިވާ "ބާއްޖަވެރި ހެނދުނެއް" މި ޕްރޮގްރާމްގެ އެންމެ އިސް މޭސްތިރިޔަކީވެސް އިބްރާހީމް މަނިކެވެ.