އެމްއެންޑީއެފްގެ ޕެރޭޑް

އއ. ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، އެމްއެންޑީއެފްއިން އެރަށުގައި ޕެރޭޑު ބާއްވައިފިއެވެ.

ތޮއްޑޫ ކައުންސިލުގެ އެދިލެއްވުމަކަށް އެ ރަށުގައި މިއަދު ހަވީރު އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައްލަވާލައްވާފައެވެ.

މިނިސްޓަރގެ އަރިހުގައި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސްއާއި، ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން އއ.ތޮއްޑޫގެ ކައުންސިލް މެންބަރުން ބައިވެރިވެލެއްވިއެވެ. އަދި މީގެ އިތުރުން އއ.ތޮއްޑޫ ސްކޫލް ދަރިވަރުންނާއި، ތޮއްޑޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް މިއަދުގެ ޕެރޭޑު ބައްލަވާލެއްވުމަށް މަގުތަކަށް ނިކުތެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

ތޮއްޑޫގައި މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ.

އެމްއެންޑީއެފުން މާދަމާ ހަވީރު އުކުޅަހުގައި ވެސް ޕެރޭޑް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *