ކުޅުދުއްފުށި ކައުންސިލުން އެދޭ ގޮތަށް އާރްޓީއެލް ފެރީ ޝެޑިއުލަށް ބަދަލު ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތަށް ގެނައުމަށް ރައްޔިތުން އެދިފައިވާ ބަދަލުތައް ގެނެސްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ރައްޔިތުންނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒޯން އެކެއްގައި ހިމެނޭ ކުޅުދުއްފުށި ސިޓީއާއި، ހަނިމާދޫއާއި ދެމެދު ދަތުރުކުރާ ފެރީގެ ޚިދުމަތަށް ބައެއް ބަދަލު ގެނައުމަށް ކުޅުދުއްފުށީ ރައްޔިތުންނާއި ކައުންސިލުން އަންނަނީ އެދެމުންނެވެ. އެގޮތުން ފްލައިޓް ގަޑިއާ ދިމާކޮށް ކުޅުދުއްފުށިން ހަނިމާދޫއަށް ފެރީގެ ހިދުމަތް ލިބޭނެ ގޮތެއްވުމަށް ކައުންސިލުންނާއި ރައްޔިތުން އެދެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ކައުންސިލާއި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހެނދުނުގެ ވަގުތުގައި ފްލައިޓް ޝެޑިއުލްއާއި ދިމާވާގޮތަށް ކުޅުދުއްފުށިން ހަނިމާދޫއަށް އާރްޓީއެލް ފެރީގައި ދެވޭނެ ގޮތެއް ހަމަޖެހުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ވިދާޅުވިއެވެ.
"ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ މިހާރު އެރަށުގެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ނެތުމާއި، ޝެޑިއުލް ފްލައިޓުތައް މަދުވުން"
އެހެންކަމުން އެންމެ ކައިރީގައި އޮތް ހަނިމާދޫ އެއާޕޯޓަށް ދެވޭނެ އިންތިޒާމު އާރްޓީއެލް ފެރީގެ ޚިދުމަތުގެ ތެރެއިން ހަމަޖެހިގެން ދިޔުމަށް އުންމީދު ކުރައްވާކަމަށް މޭޔަރު ވިދާޅުވިއެވެ.
ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ އާރްޓީއެލް ފެރީގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، އެމަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. ކޮންމެ ހަފްތާއަކު އާރްޓީއެލްގެ ޚިދުމަތްތަކާއި ގުޅޭ ބައްދަލުވުމެއް ބާއްވަމުންދާއިރު، ރައްޔިތުންނާއި ކައުންސިލުން އެދޭ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.