ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުންނާއި ދަށުކޯޓުންނާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުން އުނިކުރުމަށް ސުޕްރީމް ކޯޓުން ލަފާދީފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން" މި ނަމުގައި އެކުލަވާލާފައިވާ މިއަދު އާންމުކޮށްފައިވާ ކަރުދާހެއްގައެވެ.
އެ ކަރުދާހުގައި، ޖޭއެސްސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ދެ ގޮތަކަށް ދީފައިވާ ލަފައެއް ހިމަނާފައިވެއެވެ. ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކީ، މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް ނުހިމަނާ ޖޭއެސްސީ އެކުލަވާލުމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ވެސް ނުހިމެނުމަށް ސަރުކާރަށް ލަފާދީފައިވެއެވެ.
ދެ މޮޑެލަކަށް ޖޭއެސްސީ އެކުލަވާލުމަށް ސްޕްރީމް ކޯޓުން ލަފާދީފައިވޭ
1 ވަނަ މޮޑެލް - 7 މެންބަރުންގެ ކޮމިޝަނެއް
- އުއްތަމަ ފަނޑިޔާރާއި އިތުރު ތިން ފަނޑިޔާރުން
- ބަންޑާރަނައިބު
- އާންމުންގެ ފަރާތުން ތައުލީމީ ދާއިރާ ނުވަތަ ސިއްހީ ދާއިރާގެ 35 އަހަރުގެ ތަޖްރިބާ ހުރި ރިޓަޔާކޮށްފައިވާ 3 ފަރާތް
2 ވަނަ މޮޑެލް - 5 މެންބަރުންގެ ކޮމިޝަނެއް
- އުއްތަމަ ފަނޑިޔާރު
- ސުޕްރީމްކޯޓުގެ ފަނޑިޔާރެއް
- ހައިކޯޓުގެ ފަނޑިޔާރެއް
- ބަންޑާރަ ނައިބު
- ޤާނޫނީ ވަކީލެއް