ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 1 ވަނަ ދުވަސް ފާހަގަ ކުރަނީ އެއިޑްސް ދުވަހުގެ ގޮތުގައި

މިވަގުތު ރާއްޖޭގައި އޭޑްސް ބައްޔަށް 22 މީހުން ފަރުވާ ހޯދަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.

ރާއްޖޭގައި އޭޑްސް ބަލީގެ ހާލަތު ހުރިގޮތާއި ގުޅޭ ގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 31 ޑިސެމްބަރު 2021 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 33 ފިރިހެނުންނެވެ. މިހާތަނަށް މިބަލީގައި 15 މީހުން ދުނިޔެ ދޫކޮށްފައިވެއެވެ. ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.

އެޗް.އައި.ވީ އަދި އޭޑްސް

އެޗްއައިވީއަކީ އޭޑްސް ބަލި ޖައްސާ ވައިރަސްއަށް ކިޔާ ނަމެވެ. އެޗް.އައި.ވީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހަމަލާދީ، ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ވައިރަސްއެކެވެ. އެޗް.އައި.ވީ ޖެހި، އަހަރުތަކެއްގެ ތެރޭގައި ދިފާއީ ނިޒާމު ބަލިކަށިވުމުން ބަލިތަކުން ދިފާއުވުމަށް ނުކުޅެދި، އެކި ބަލިތައް ޖެހެން ފަށައެވެ. މިހިސާބުން އެއީ އޭޑްސް ކަމަށް ބެލެވެއެވެ.

ނެޝަނަލް އޭޑްސް ޕްރޮގްރާމް

އެޗް.އައި.ވީ/އޭޑްސް އަށް ހޭލުންތެރިކުރުމާއި، ބަލިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ޤައުމީ ފެންވަރުގައި ރާވާ ހިންގުމާއި، މިބަލި ޖެހިފައިވާ މީހުންގެ ފަރުވާގެ ކަންކަން ވިލަރެސްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނެޝަނަލް އޭޑްސް ޕްރޮގްރާމްގެ ތެރެއިންނެވެ.

އެޗް.އައި.ވީއަށް ޓެސްޓް ކުރުން

ބަލާބެލުމަށް ސިއްޙަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައިވެސް އެޗް.އައި.ވީ ވައިރަސް ހުރެދާނެއެވެ. އެޗް.އައި.ވީ ހުރިކަން ދެނެގަނެވޭނީ އެޗް.އައި.ވީއަށް ޓެސްޓްކޮށްގެންނެވެ. ރާއްޖޭގައި އާންމުކޮށް މާބަނޑު ދުވަސްވަރާއި އެކި ސަރޖަރީތަކުގެ ކުރިން، ލޭދިނުމުގެ ކުރިން އަދި ބޭރު މަސައްކަތްތެރިންގެ މެޑިކަލްގެ ތެރޭގައި އެޗް.އައި.ވީއަށް ޓެސްޓްކުރެވެއެވެ.

​ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައިވެސް އެޗް.އައި.ވީ އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އާންމުކޮށް ހަދާ ސްކްރީނިން ޓެސްޓްގެ ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް އައި.ޖީ.އެމް.އެޗްގައި ކޮންފަރމޭޓަރީ ޓެސްޓް ހަދާނެއެވެ.

​މާބަނޑުކަން އެނގުމުން ފުރަތަމަ ވީހާވެސް އަވަހަކަށް، ފުރަތަމަ 03 މަސް ފާއިތުވުމުގެ ކުރިން އެޗް.އައި.ވީއަށް ޓެސްޓްކުރުން މުހިންމެވެ. މާބަނޑުވުމުން އަންހެނެއްގެ ހަށިގަނޑުގައި އެޗް.އައި.ވީ ހުރިކަން އަވަހަށް ދެނެގަނެވި ފަރުވާ ފެށިއްޖެނަމަ ބަނޑުގައިވާ ދަރިފުޅު ބަލިން ރައްކާތެރިކުރެވެ އެވެ. އަދި ރާއްޖެއަކީ މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްވުން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި 2019 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޤައުމެކެވެ.

އެޗް.އައި.ވީގެ ފަރުވާ

އެޗް.އައި.ވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ތެރަޕީ (އޭ.އާރް.ޓީ) އެވެ. 2004ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް ބަލިމީހުންނަށް ހިލޭ މިފަރުވާ އަންނަނީ ދެމުންނެވެ. ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، ޤަވާއިދުން ބޭސް ބޭނުންކޮށްފިނަމަ، ލޭގައި އެޗް.އައި.ވީ ވައިރަސް ހުންނަ މިންވަރު (ވައިރަލް ލޯޑް) ދަށްކުރެވެއެވެ. މީގެ ސަބަބުން ދިފާއީ ނިޒާމު ރައްކާތެރިކުރެވި، ރަނގަޅު ސިއްޙަތެއްގައި ގިނަ ދުވަހު ދެމިހުރުމަށް މަގުފައިވެއެވެ. އަދި ވައިރަލް ލޯޑް ދަށްވުމުން ބަލިމީހާގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ބަލި ފެތުރޭ ގޮތްތައް

- ރައްކާތެރި ނޫންގޮތުގައި (ހުރަސް ބޭނުން ނުކޮށް) ޖިންސީ ގުޅުން ހިންގުން
- އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ބޭނުންކުރުން - މިގޮތުން ކަށިބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމުގައި، ނުވަތަ ޓެޓޫ ޖެހުން، ކަންފަތް ނުވަތަ ހަށިގަނޑުގެ އެހެން ތަނެއް ތޮރުފުން ނުވަތަ ސިއްހީ ޚިދުމަތް ހޯދުމުގެ ތެރޭގައި އެކަކު ބޭނުންކޮށްފައިވާ ކަށި ބޭނުންކުރުން
- އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން
- އެޗް.އައި.ވީ ހުރިތޯ ބެލުމަށް ޓެސްޓް ނުކޮށް ލޭ އެޅުން

ބަލި ނުފެތުރޭނެ ގޮތްތައް

- މަދިރީގެ ސަބަބުން
- އެޗް.އައި.ވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން
- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމުން
- އެޗް.އައި.ވީ ޖެހިފައިވާ މީހަކާ އެއް ގެއެއްގައި ދިރިއުޅުން ނުވަތަ އެއްކޮށް މަސައްކަތްކުރުން

އެޗް.އައި.ވީ އިން ރައްކާތެރިވެވޭނެ ގޮތްތައް

- ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
- އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން
- ޤަވާއިދުން އެޗް.އައި.ވީއަށް ޓެސްޓްކުރުން

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *