މިއަދު ފާހަގަ ކުރާ ދުނިޔޭގެ އޭޑްސް ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 5-12އަށް ގއ. އަތޮޅުގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އޭޑްސް ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ޑިސެމްބަރ 9 ގައި ގއ. ވިލިނގިލީގައެވެ. އޭޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގއ. އަތޮޅުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ސްކްރީނިން އާއި އެވެއާނެސް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމްތައް ހިންގުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ވިލިނގިއްޔާއި ދާންދޫ އާއި ގެމަނަފުށްޓެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގައި އޭޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. ރާއްޖޭގައިވެސް ކޮންމެ އަހަރަކު މިދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "އެޗް.އައި.ވީ އިން ރައްކާތެރިވުމަށްޓަކައި ޤަވާއިދުން ޓެސްޓް ކުރުން އާދަކުރަމާ" އެވެ.