ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއި އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކޮންމެ އަހަރަކު ބާއްވާނެ ތާރީހަކާއި މެދު ލޯކަލް ގަވްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ފަލާގެ މަތިން އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ ހަފްތާގައި ގެޒެޓް ކުރުމަށް ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން އ.ތ.މ ކޮމިޓީގެ ޤަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާއި ގުޅިގެންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ގެނެސްފައިވާ އިސްލާހާއި އެއްގޮތަށް، ދެން ބައި-އިލެކްޝަންތައް ބާއްވާނީ ކޮންމެ އަހަރެއްގެ މެދު ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
އ.ތ.މ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބޭއްވުމަށް ގާނޫނު އިސްލާހު ކުރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަވަސް އަވަހަށް އިސްތިއުފާދެއްވުމުން ކައިރިކައިރީގައި ގިނަ ބައި-އިލެކްޝަންތައް ބާއްވަން ޖެހުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށް އިލެކްޝަން ކޮމިޝަނުން އެކި ފަހަރުމަތިން ފާހަގަކޮށްފައިވާތީއެވެ. މިގޮތަށް އަވަސް އަވަހަށް ބައި-އިލެންޝަންތައް ބާއްވަން ޖެހުމުން ފާއިތުވި ދެ އަހަރު 3.7 މިލިޔަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިމިވަނީ ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.
އެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ އ.ތ.މ ކޮމިޓީތަކުގެ އިންތިހާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށެވެ. އަދި ދެ ބައި-އިލެކްޝަނެއްގެ ދޭތެރޭގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ދެން ބާއްވާ ބައި އިލެކްޝަންތައް ބާއްވާނީ އެއިދާރާއިން ބާއްވާ އެހެން އިންތިހާބުތަކާއި ފުށޫނާރާގޮތަށެވެ.