މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީން ގެންގުޅޭ އަދަދު އިތުރުކޮށްފި އެވެ.
މި އަހަރު އަމަލުކުރަން ފެށި ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގައި ކުރިން އޮތް ގޮތުން ބިދޭސީންނަށް މަސައްކަތް ކުރެވޭނީ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ތެރެއިން ލައިސަންސް ދޫކުރެވި ގިންތި ކުރެވޭ އުޅަނދުތަކުގެ ތެރެއިން ގިންތި (1،2،3 ) ގެ އުޅަނދެއްގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށް ޓަކަ އެވެ. އެއީ އުޅަނދެއްގައި ގިނަވެގެން ދެ ބިދޭސީންނަށެވެ.
އެ ގަވާއިދުގައި ބުނާ ގިންތި ތަކުގެ ތެރެއިން 1،2،3 އަކީ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުތަކާއި، ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދުތަކެވެ.
ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހާއެކު އުޅަނދުގެ ކުޑަބޮޑުމިނަށް ބަލައި ބިދޭސީން ގެންގުޅެވޭނެ އަދަދު ވަނީ ކަނޑައަޅާފަ އެވެ.
ގަވާއިދަށް ގެނައި އިސްލާހާއެކު
- 15 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ގިނަވެގެން ހަތަރު ބިދޭސީން
- 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން
- 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން އަށް ބިދޭސީން
އިސްލާހުގައިވާ ގޮތުގައި މަސްވެރި އުޅަނދެއްގައި ސީދާ ގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. ނަމަވެސް އެ އުޅަނދެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތަކަށް ބިދޭސީން ބޭނުން ކުރެވޭނެއެވެ.