މާދަމާ އިންފެށިގެން ސިމް ކާޑު އެކްޓިވޭޓް ވާނީ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު އެނގިގެން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އިއުލާންކޮށްފި އެވެ.

ކޭމްގެ އިއުލާނުގައި ބުނެފައި ވަނީ މޯބައިލް ފޯނު ހިދުމަތް ހޯދަން ބޭނުންކުރާ ސިމް ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމީ މުވާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު މިފަދަ އަމަލުތައް މަދު ކުރަން އަޅާ ފިޔަވެޅެއްގެ ގޮތުން ކަމަށެވެ.

މި ބަދަލުތަކާއެކު، ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުން ނުކުރެވޭ (ނޮން އެކްޓީވޭޓެޑް ސްޓޭޓަސް) ހާލަތުގަ އެވެ. ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ދިނުމުންނެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލް، ހިދުމަތް ހޯދަން ބޭނުންވާ ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ލިބޭނެ ކަމަށްވެސް ކޭމް އިން ބުނެފައިވެ އެވެ.

ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާ ކުރުމަށް ކޭމް އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އިއުލާނުގައި ވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިއަލަށް ސްކޭމް ކޯލްތަކާއި ގުޅުންހުރި 220 އަށްވުރެ ގިނަ މައްސަލަ އެއިދާރާގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސްކޭމް ކޯލްތައް ކުރުމަށް ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި ކޮންމެ މީހަކަށް 5000 ސިމް ރަޖިސްޓްރީކޮށްފައިވާކަމަށް ފުލުހުން ދާދިފަހުން ވަނީ ބުނެފައެވެ.

މި ސިމް ކާޑުތައް ސްކޭމް ކުރާ މީހުންނާއި ޓެރަރިސްޓުންނާއި އެނޫންވެސް އެކި ކުށްތައް ކުރާ މީހުން ބޭނުންކުރާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

 

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *