ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޣިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިއާ އިން ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ޝަރުތަކާއި ނުލައި ރާއްޖެއިން ބޭނުންވާގޮތަށް ޚަރަދުކުރުމަށް ދިން އެހީއެއް ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރާ ގުޅޭގޮތުން އިންޑިޔާ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒައާމަތުގެ ދަށުން އިންޑިއާ އާއި ރާއްޖެ ކޮވިޑުގެ ވަބާގައި ކުރިމަތިވި ގޮންޖެހުންތަކާއި، ފަހަކަށް އައިސް ހިނގަމުން އަންނަ ކަންކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ވަރަށް ގާތް މަސައްކަތްތަކެއް އެކުގައި ކޮށްފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާ އާއި ރާއްޖޭގެ ތަރައްގީގެ ގުޅުންދަނީ އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ރޮނގުންވެސް އިތުރަށް ފުޅާވަމުން ކަމަށެވެ. އަދި އެކަމުގެ ސީދާ ފައިދާ ދެގައުމުގެ ރައްޔިތުންނަށްވަމުން އަންނަކަމަށެވެ.

އެހީއާ ގުޅޭ ގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނީ މި ފައިސާގެ އެހީ ފޯރުކޮށްދެވެނީ އެސްބީއައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށް ކަމަށާ ބަޖެޓަރީ ސަޕޯޓުގެ ގޮތުގައި ދެވޭ 100 މިލިއަން ޑޮލަރު ފޯރުކޮށްދެނީ އެއްވެސް ޝަރުތަކާ ނުލާ، ދިވެހި ސަރުކާރުން އެދޭގޮތެއްގައި ހޭދަކުރުމަށް ކަމަށެވެ.

އެގޮތުން މިފޯރުކޮށްދެވޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަރީ ސަޕޯޓްއިން ހާމަަވަނީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ހަރުދަނާކަމާއި އިތުބާރެވެ. އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ދަނީ ދެގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެކުއެކީ މަސައްކަތްކުރަމުންނެވެ. އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުވަނީ ހާއްސަ ގުޅުމެކެވެ."

މި ފައިސާގެ އެހީއަށް އިންޑިއާއިން އެސްބީއައި އަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިވާކަން އެމްބަސީން ފާހަގަ ކޮށްފައިވެއެވެ.

މިއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެކެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *