ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ: ޕީޕީއެމް

ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި، ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ވ.އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވިކަމަށެވެ.

ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި، ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށް ކުރިއަށްދިޔަ މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި، ދިފާއުންވެސް ވަނީ ޚުލާސާ ބަޔާން ހުށަހަޅާފައެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ ދައުވާގެ ސީޣާގައި ދައުލަތުން އެދިފައިވާ ގޮތަށް ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ކުށުގެ އެ އަމަލު ހިންގިއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ދައުވާ ލިބޭ ޔާމީން ކަމަށާއި މަންފާ އަކީ ގާނޫނު ހުއްދަ ނުކުރާ މަންފާއެއް ކަމަށެވެ.

އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ، ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ދެން އޮންނާނީ ހުކުމް އިއްވުމަން ކަމަށެވެ. އަދި ގާނޫނުގައި އޮންނަ ގޮތުގެ މަތިން، 30 ދުވަހުގެ ތެރޭގައި އެ މަޖިލިސް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *