ސަމަރުބްލޫ އިބްރާހިމް މަނިކު، އަވަހާރަވީ އުމުރުފުޅުން 72 އަހަރުގައި

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށާއި، ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންނެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގައެވެ. އެއީ، ދިވެހިރާއްޖޭގެ އަޑަކީ، އަލްމަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީއެވެ.

އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

އިބްރާހީމް މަނިކު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރާވާ ކަމާއި، ޕްރޮގްރާމް ޕްރޮޑިއުސަރުކަން ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިންގ ކަމުގެ މަގާމާއި، މަނިކުފާނު މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *