ޔޫއެންއެސްކެޕްގެ މިނިސްޓީރިއަލް ކޮމިޓީ އޮން އެންވައިރަމަންޓް އެންޑް ޑިވަލޮޕްމަންޓްގެ 7 ވަނަ ޖަލްސާގައި ރާއްޖެ ތަމްސީލްކޮށްފިއެވެ.
ޔޫއެން އިކޮނޯމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގެ ތިމާވެއްޓާ ތަރައްޤީއާ ބެހޭ ކޮމިޓީގެ 7 ވަނަ މިނިސްޓީރިއަލް ޖަލްސާ ފަށާފައިވަނީ ބެންކޮކްގައި އިއްޔެއެވެ.
އިއްޔެއިން ފެށިގެން ކުރިޔަށް މި ޖަލްސާގެ މަޤްސަދަކީ ތިމާވެއްޓާ ތަރައްޤީގެ ރޮންގުން އޭޝިއާ ޕެސިފިކް ސަރަހައްދުގައި އިސްކަންދޭންވީ ކަންތައްތައް ދެނެގަނެ، ސަރަހައްދީ ފެންވަރުގައި އެއްބަސްވެވޭ ކަންތައްތައް ފާހަގަކޮށް، ސަރަހައްދުގެ ސަރުކާރުތަކާއި، ސިވިލް ސޮސައިޓީއާއި، ޕްރައިވެޓް ސެކްޓަރާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތައް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ކުރުމައް މަގުފަހިކުރުމެވެ.
މިބައްދަލުވުމުގައި އިއްޔެ ކުރިއަށްގެންދިޔަ ސީނިއަރ އޮފިޝަލުންގެ ސެގްމަންޓުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖެއިންނެވެ. ރިޔާސަތު ބެލެހެއްޓެވީ ވައިސް ޗެއާރގެ މަޤާމަށް އިންތިޚާބް ވެފައިވާ ރާއްޖެއިން އޫއެންއެސްކެޕަށް ކަނޑައަޅާފައިހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ހުދާ އަލީ ޝަރީފް އެވެ.
ޖަލްސާގެ މިނިސްޓީރިއަލް ސެގްމަންޓުން ފާސްކުރަން ހުށަހަޅާ މިނިސްޓީރިއަލް ޑިކްލަރޭޝަންގެ ޑްރާފްޓްގައި ހިމެނުމަށް ސަރަހައްދީ ޤައުމުތަކަށް އެއްބަސްވެވޭ ކަންތައްތަކާއި ބަސްމަގު ނިންމުމަށް ދުރާލާ ބޭއްވުނު ބައްދަލުވުންތަކުގެ ފެސިލިޓޭޓަރުގެ ރޯލް އަދާކުރެއްވީވެސް ޕާމަނަންޓް ރެޕްރެސެންޓޭޓިވް ހުދާ އެވެ.
މިޖަލްސާގައި ރާއްޖޭގެ ކަންޓްރީ ސްޓޭޓްމަންޓް ހުށަހެޅުއްވާނީ މިނިސްޓަރ ފޮރ އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ އެވެ. މިކަން އޮންނާނީ 1 ޑިސެންބަރުވާ ބުރާސްފަތި ދުވަހު އެވެ.