ރައީސް އޮފީސް

ގެއްލުމުގެ ބަދަލު ނަގައިދޭނެ އައު އުސޫލެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއުސޫލު އެކުލަވާލާފައިވަނީ ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް އޭސީސީން ނެރުނު "ހުދު ކަރުދާސް" މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް މިފަދަ ކަންކަމުގައި ބަދަލު ދެވޭނެ އުސޫލެއް ކަނޑައެޅުމަށް މަޖިލީހުން ސަރުކާރަށް ދީފައިވާ ލަފާގެ މަތީންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި 19 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މިއުސޫލަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާއިމެދު، ޤާނޫނާއި ގަވާއިދާއި ސަރުކާރުން އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް އެއްވެސް ހަމައެއް އިސާފެއްނެތި އަމަލުކޮށްފައިވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުސަތުތަކަށް ބަދަލު ހަމަޖައްސައިދީ އަދުލުވެރިކަމާއެކު ދައުލަތަށްވެސް މާލީ ގޮތުން އުފުލަންޖެހޭ ބުރަ ކުޑަވާނެ ގޮތަކަށް އެކުލަވާލާފައިވާ އުސޫލެކެވެ.

މީގައިވާ ގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުއާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، އޮގަސްޓް 7، 2008 އިން ފެށިގެން އުސޫލަށް އަމަލުކުރަން ފަށާ ތާރީހާ ދެމެދު، އުފެދިފައިވާ މައްސަލަތަކަށް ވެސް ބަދަލު ނަގައި ދެވޭނެ އެވެ. އެކަމަކު އެއީ އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމާއި އެއްބަސްވުމާ ހިލާފުމާއި ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލުކޮށްފައިވާ ނަމަ އެވެ.

މި އާ އުސޫލަށް އަމަލުކުރަން ފަށާ އިރު، އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް، ކަމާބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، ބަދަލު ބޭނުންވާ ނަމަ އުސޫލަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ހުށަހަޅަންޖެހޭނެ އެެވެ. އަދި އުސޫލުގައިވާ ގޮތުން އެފަދަ މައްސަލައެއް ހައްލު ކުރުމަށް7 މެމްބަރުންގެ ކޮމެޓީއެއް އުފައްދަން ޖެހޭނެ އެވެ. އެ ކޮމެޓީގައި ރައީސް އޮފީހުން ކަނޑައަޅާ މީހެއްގެ އިތުރުން ކަމާބެހޭ މިނިސްޓްރީތަކުން، ކޮންމެ މިނިސްޓްރީއަކުން ކަނޑައަޅާ މީހަކު ހިމެނޭނެ އެވެ.

މި އުސޫލުގައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭނެ ހާލަތްތަކެއް ވެސް ބަޔާންކޮށްފަ އެވެ. އޭގެތެރޭގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާތިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮތުން ހިމެނެ އެވެ. އަދި މައްސަލައެއްގައި ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލުގެ އަދަދު، މައްސަލަ ހައްލުކުރުމުގައި ދެވޭ އަދަދަށް ވުރެ ބޮޑުވާ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ނުވަތަ މައްސަލައެއް ހައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުން ކަމަށް ގަބޫލުކުރެވޭ ނަމަ ވެސް ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވިދާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *