ބަޖެޓް ފާސްކުރަން ވޯޓު ނުދިން މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އއަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވި އެމްޑީޕީގެ 7 މެންބަރުން ތިއްބެވިއެވެ. މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކުރީ 61 މެންބަރުންގެ ވޯޓާއެކުގައެވެ. ވޯޓަށް އެހި ވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދަކީ 78 އެކެވެ.
ޕީޖީ ލީޑަރު އަސްލަމް އޮންލައިން ނޫހަކަށް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވެއްޖެނަމަ އެ މެންބަރަކާއި މެދި ފިޔަވަޅު އަޅަން އޭނާއަށް މަޖުބޫރުވާނެ ކަމަށާއި އެކަން ނުކޮށް ދޫކޮށް ނުލައްވާނެ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާއި ހިލާފަށް ބަޖެޓަށް ވޯޓު ނުދެއްވި މެންބަރުންނަކީ:
- އަލީ އާޒިމް - މެދު ހެންވޭރު ދާއިރާ
- ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ
- އިމްތިޔާޒް ފަހުމީ - މާފަންނު އުތުރު ދާއިރާ
- އިބްރާހިމް ރަޝީދު (ބޮންޑޭ) - މާފަންނު މެދު ދާއިރާ
- މުހައްމަދު ވަހީދު (ވައްޑޭ) - އުނގޫފާރު ދާއިރާ
- އިލްޔާސް ލަބީބް - ހުޅުދޫ ދާއިރާ
- އަހުމަދު ޒާހިރު - ގައްދޫ ދާއިރާ
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ވިޕްލައިނާ ފުރަތަމަ ފަހަރަށް ހިލާފުވެއްޖެނަމަ މެންބަރުންނަށް ފުރަތަމަ އޮންނަނީ ނަސޭހަތް ދިނުމެވެ. ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ނަސޭހަތްދީ މާފަށް އެދެން ޖެހެއެވެ. ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެއްޖެ ނަމަ ޕާޓީން ދޭ ބައެއް އިނާޔަތްތައް އުނި ކުރެއެވެ. ހަތަރުވަނަ ފަހަރު އަޅާ ފިޔަވަޅަކީ ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކޮށް އެއް އަހަރު ދުވަހަށް ޕާޓީގެ ޓިކެޓްގައި އިންތިހާބުތަކަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމެވެ. ފަސްވނަ ފަހަރަށް ވިޕްލައިނާއި ހިލާފުވެއްޖެ ނަމަ އެ މެންބަރަކު ޕާޓީން ވެސް ވަކިކުރެވޭނެއެވެ.