ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު އެމެރިކާގެ އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑްގެ ބިއުރޯ ފޯރ އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައުރް އާއި ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭ ގޮތުން ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކައުރް އާއި އެކު މަޝްވަރާ ކުރައްވާފައެވެ. އަދި ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ދެ ބޭފުޅުން ވަނީ މި ގުޅުން އިތުރުން ބަދަހިކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ޔޫއެސްއެއިޑާއި އެމެރިކާ ސަރުކާރުން ވެދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ.