ފިހާރަތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ލެވީގެ ގޮތުގައި ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނެގޭ ގޮތަށް ކުނިމެނޭޖް ކުރުމުގެ ބިލު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތާއީދާއެކުގައެވެ.
ކުނި މެނޭޖް ކުރުމުގެ ބިލުގެ 33 ވަނަ މާއްދާގެ (ހ) ގެ ވަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާންޓިކް ކޮތަޅަލަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަ 2 ރުފިޔާ އާއި އެއްވަރުގެ އަދަދަކަށް ފައިސާ ނަގަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.
އެހެންނަމަވެސް މި ގާނޫނުގެ ދަށުން ލެވީ ނެގުން އިސްތިސްނާވާ ބާވަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިއުޓީ ފްރީ ފިހާރައަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ ހަނޑު، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު، ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި، ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެންމެ އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ 'ބިންލައިނާ' އެވެ.
މި ބިލުގައިވާ ގޮތުން ރާއްޖޭގެ ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، މި ގާނޫނޫގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލެވީ ނެގުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމުވާނެ ކަމަށެވެ. އަިދ ޕްލާސްޓިކް ކޮތަޅުން ނަގާ ލޭވީ ދައްކަން ޖެހޭނީ މީރާއަށް ކަމަށް މި ބިލުގައި ލާޒިމް ކުރެއެވެ.