ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގައި ފުލުހުންނާއި ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާ ބެހޭގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް އަށް އަހުލުވެރިކުރުމަށް ހިންގި ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ 44 ވަނަ ބުރު ނިމިއްޖެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ފުލުހުންނަށް، ޤާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާލުމުގެ ހުނަރުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތްވާގޮތުގެ މަތިން ދަސްކޮށްދީފައިވެއެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ބޭނުންކުރާ އުކުޅުތައް ކިޔަވައިދީފައިވެއެވެ.

އޭގެ އިތުރުން، ފުލުހުން ބޭނުންކުރާ ލެސް ލީތަލް ހަތިޔާރު ބޭނުންކުރާނެގޮތުގެ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. މި ޓްރެއިނިންގެ ތެރެއިން ސިނާރިއޯ އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، މި ތަމްރީނުގެ މުއްދަތުގައި ފުލުހުން އުނގެނުނު އެންމެހައި އުކުޅުތައް އަމަލީ މައިދާނުގައި ބޭނުންކުރާ ގޮތް ބަލައި ވަޒަންކުރުމަށް 48 ގަޑިއިރުގެ ސިމިއުލޭޝަން އެކްސަސައިޒްތަކެއް ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރު އަދި ދ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޯހުގެ މުދައްރިބުންނަކީ ފުލުހުންގެ ތަޖުރިބާ ލިބިފައިވާ ގާބިލު މުދައްރިބުންނެވެ. އޮކްޓޯބަރ 24 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިޔަ އެ ކޯހުގައި 27 ފުލުހުން ބައިވެރިވިއެވެ. އެއީ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓުގެ 14 ފުލުހުންނާއި، ޑްރަގް އެންފޯސްމަންޓުގެ ދެ ފުލުހުންނާއި، ހުޅުމާލެ ޕޮލިސް، ގަލޮޅު ޕޮލިސް، މާފަންނު ޕޮލިސް، ވިލިމާލެ ޕޮލިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު ހިމެނޭގޮތަށް 11 ފުލުހުންނެވެ. މި ކޯހުގައި ބައިވެރިވި ފުލުހުންގެ ތެރޭގައި ކޮމިޝަންޑް އޮފިސަރ ރޭންކުގެ ތިން ފުލުހުންވެސް ހިމެނެއެވެ.

އެކަމަށްޓަކައި މި މަހު 27 ވަނަ ދުވަހު ދ. ވާނީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕެޝަލިސްޓް އެންޑް ޓެކްޓިކަލް ރެސްޕޮންސްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމްއެވެ. އެ ރަސްމިއްޔާތުގައި ދ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުޒީނާ ޔޫސުފް، ދ. ވާނީ ޓްރެއިނިންގ ސެންޓަރުގެ ފެސިލިޓީ މެނޭޖަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ލަތީފް އާއި ފުލުހުންގެ ކޮމިޝަންޑު ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާއި ގާތުން، އޯގާތެރިކަމާއެކު ފޯރުކޮށްދިނުމަށާއި، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ގޮތުގެމަތިން އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި، މުއައްސަސާއަށް ރައްޔިތުން ކުރަމުންއަންނަ އިތުބާރު ނުގެއްލޭގޮތަށް ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ. އަދި މުއައްސަސާގެ ނަން ކިލަނބު ނުވާނޭހެން ފުލުހުންގެ ވާޖިބުއަދާކުރުމަށާއި، ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތްދިނުމަށް އެދިލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *