އައްޑޫ ސިޓީ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީތަކެއްގައި ޒުވާނަކު މަރާލި މައްސަލައިގެ ތަހުގީގުން ވެސް ކަށަވަރުވެގެން ދިޔައީ ކުށްކުރާ ޖަމާޢަތްތަކުން ކުށްކުރުމުގައި، ޤަޞްދުގައި ކުޑަކުދިން ބޭނުންކުރާކަން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމިމް ވިދާޅުވެއްޖެއެވެ.
ޕީޖީގެ އަމިއްލަފުޅު ބްލޮގްގައި "ކުޑަކުދިން ލައްވާ ކުށްކުރުވުމަކީ ކުށެއް" މި މައުޟޫއުގެ ދަށުން ލިޔުއްވާފައިވާ ލިޔުއްވުމުގައި ވަނީ މިއަހަރުގެ ޖޫން މަހު، އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި މާރާމާރީގެ ހާދިސާއެއްގައި، މީހަކު ނިޔާވެފައިވާއިރު މިމައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުން ކުރި މަސައްކަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ފަރާތުންނާއި، އެމީސްމީހުންނާ ގުޅިފައިވާ މީހުންގެ ފަރާތުންނާއި މަދުން ނަމަވެސް، ދިފާޢީ ވަކީލުންގެ ފަރާތުންވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވިކަން ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.
ޕީޖީ ވިދާޅުވީ މިމައްސަލައިގެ ތެރެއިން ކަށަވަރުވި ކަމަކީ، ކުށްކުރާ ޖަމާޢަތްތަކުން ކުށްކުރުމުގައި، ޤަޞްދުގައި ކުޑަކުދިން ބޭނުންކުރާކަން ކަމަށާ އެކުދިން ލައްވާ ކުށްކުރުވުމަށްފަހު، ދިފާޢުގައި ހެކި އުފެއްދޭގޮތަށް ޙަރަކާތްތައް ހިންގާފައިވާކަން ކަމުގައެވެ.
މިސާލަކަށް، އެކުދިން ލައްވާ ކުށްކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާޙައުލު ނޫން އެހެން ތަނެއްގައި އުޅެ، އެތަނުގައި އުޅުނުކަން އެކި މީސްމީހުންނަށް އެންގުމަށް، މިކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކޮށްފައިވެއެވެ."
އެމީހުން އެކަން ކުރީ އެގޮތަށްކަން، އެބޭނުމުގައިކަން، ތަޙްޤީޤަށް އޮތީ ހޯދިފައިވާ ކަމަށާ އެހެންކަމުން އެކަމަކީ ޝަރީޢަތުގައި ފަސޭހައިން ކިޔައިދެވޭގޮތަށް ހެކި ހޯދިފައިވާ ކަމެއް ކަމުގައި ޕީޖީ ވަނީ ވިދާޅުވެފައެވެ. ޕީޖީ ވިދާޅުވީ މިމައްސަލައިގައި މުހިންމު ނިންމުންތަކެއް ނިންމުމަށްފަހު، މިކަމުގައި ހިމެނޭ ބޮޑެތި މީހުންގެ ތެރެއިން 7 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ޖިނާއީ ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުމަކީ ކުށެއް:
ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 122 ވަނަ މާއްދާ (ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށް) ގައި އޮތީ، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމަކީ ކުށެއް ކަމަށެވެ. ހަމަ އެމާއްދާގައި، ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުމަކީ ނުވަތަ ގްރޫމް ކުރުމަކީ ކުށެއްކަމަށްވެސް އޮވެއެވެ. އެކުށުގެ އަދަބަކީ 3 އަހަރު ދުވަހަށް ޖަލަށްލުމެވެ. އެކުށްކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި (މިސާލަކަށް، ކުއްޖާގެ ބޭބެ، ނުވަތަ ޅިޔަނު ނުވަތަ އެނޫންވެސް ގާތްތިމާގެ މީހެއްނަމަ) އެކުށުގެ އަދަބަކީ 5 އަހަރު ދުވަހަށް ޖަލަށްލުމެވެ. މިކުށަކީ އަދި ޖިންސީ ޢަމަލެއް ހިންގުމަށް ގްރޫމް ކުރުމުގެ ކުށެއް ނޫނެވެ. އެކުށް އޮތީ، އެއާ ޖެހިގެން އޮތް މާއްދާގައެވެ.
ޕީޖީ ވިދާޅުވީ މުހައްމަދު ޒަޔާން މަރާލި މައްސަލައިގައި ހިމެނޭ 6 މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ 8 ދައުވާއެއް، ވަކިވަކިން، ހެއްކާއެކު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ކުށެއް ވަކިން ސާބިތުކުރެވޭނެ ކަމަށާ އެދައުވާތަކަށް، ޖުމްލަ 24 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. ބާކީ ހުރި މީހާގެ މައްޗަށްވެސް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ 4 ދައުވާއެއް، ވަކިވަކިން ހުށަހަޅުއްވާފައިވާ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. މިދައުވާތަކުގެ އިތުރުން، 2 މީހެއްގެ މައްޗަށް، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، 5 މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާވެސް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މިމައްސަލައަކީ، މިޤާނޫނުގެ ދަށުން، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުދިން ބޭނުންކުރުމުގެ ކުށުގެ ދައުވާ، އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅުނު މައްސަލަކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާ ކުށްކުރާ ޖަމާޢަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެއް ކަމަށެވެ.
އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުންނެވެ.
ޕީޖީ ވިދާޅުވީ މިމައްސަލައިގައި ހާދިސާ ހިނގައިފައިވާ ގޮތަށާއި، ތުހުމަތު ކުރެވޭ މީހުން މިޢަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، މިމީހުންނަކީ، މުޖްތަމަޢަށް އިންތިހާއަށް ނުރައްކާތެރި ބައެއްކަމަށް ޤަބޫލުކުރެވޭތީ، އެމީހުން މިހާރުވެސް ތިބީ، ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ކަމަށެވެ.