މޯލްޑިވްސް ކަސްޓަމްސް އިން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ މަގުމަތީ އަގު 489 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 އިން 2022ގެ ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް 131 މައްސަލައެއްގައި 216.21 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ.

ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިންވަނީ 15 ބާވަތެއްގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ. އޭގެ ތެެރެއިން އެންމެ ގިނަ އަދަދަކަށް ހިމެނެނީ ކޮކެއިންއެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 80.44 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާއިރު ދެން އެންމެ ގިނައިން އަތުލައިގެންފައިވަނީ ކެނަބިސް ފަތްޕިލާވެއްޔާއި ކެނަބިސް ހަޝިޝް ތެލެވެ. އެގޮތުން 31.70 ކިލޯގެ ކެނަބިސް ފަތްޕިލާވެއްޔާއި 27.41 ކިލޯގެ ކެނަބިސް ހަޝިޝް ތެޔޮ ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ.

ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި މަސްތުވާތަކެތީގެ ތެރޭގައި ދެން ހިމެނެނީ ހެރޮއިންއާއި، މެތޯފަންއާއި، އެމްޑީއެމްއޭގެ އިތުރުން އެލްއެސްޑީ އާއި މެފެޑްރޯންއާއި އެމްފެޓަމިން އާއި ކެޓަމިންއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ޕޯސްޓް މެއިލް އަދި ކުރިއާ މެދުވެރިކޮށެވެ. އެގޮތަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 70 މައްސަލައެއްގައި ވަނީ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. ވައިގެ މަގުން ފަސިންޖަރުންގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު 57 މައްސަލައެއްގައި ވަނީ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ.

މީގެއިތުރުން ވައިގެ މަގުން ކާގޯ އަދި ކަނޑުމަގުން ކާގޯގެ ގޮތުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 25 ދިވެހިން ހިފަހައްޓާފައިވާއިރު ދެވަނައަށް އެންމެ ގިނައިން ހިފެހެއްޓީ ޕާކިސްތާނު މީހުންނެވެ. ޕާކިސްތާނުގެ 13 މީހުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހިފެހެއްޓިއިރު މި މުއްދަތުގައި ބްރެޒިލްގެ 10 މީހަކާއި އިންޑިއާގެ ފަސް މީހަކު ހިފަހައްޓާފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *