އިންޑިއާގެ ޓުޓިކޮރިން އިން އެކަށީގެންވާ އަދަދަކަށް ކުޅުދުއްފުށްޓާއި ހިތަދޫ ޕޯޓަށް މުދާ ގެންނަ ނަމަ، ޝެޑިއުލް ދަތުރުތައް ރާވާނެކަމަށް ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސަލް އޯނާސް އެސޯސިއޭޝަން (ސީއެމްއެސްވީއޯއޭ)އިން ބުނެފިއެވެ.
"ކޯސްޓަލް މެކެނައިޒްޑް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަން އޮފް ޓުޓިކޮރިން" އަކީ ޓުޓިކޮރިންގެ ލަކުޑި ބޯޓު ދުއްވާ މީހުންގެ އެސޯސިއޭޝަނެކެވެ. މިއީ 100 އަށްވުރެ ގިނަ އަހަރުވެފައިވާ އެސޯސިއޭޝަނެކެވެ. މި އެސޯސިއޭޝަންގެ މަތީ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރާތުގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް، ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވާފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު ޢަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް ޢަބްދުالله ހިމެނިވަޑައިގަންނަވާ ގޮތަށް، އެމްޕީއެލްގެ މެނޭޖްމަންޓްގެ ޓީމަކާއެކު ސީއެމްއެސްވީއޯއޭގެ ވަދުފްދުން ވަނީ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ އަންގާރަ ދުވަހު ސީއެމްއެސްވީއޯއޭއިން ކުޅުދުއްފުށި ސިޓީއަށް ކުރި ޒިޔާރަތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެ ސަރަހައްދުގެ ވިޔަފާރިވެރިން ހިމެނޭ ގޮތަށް ބައްދަލުވުމެއް ބޭއްވިއެވެ.
އެއަށް ފަހު، ބުދަ ދުވަހު މި ވަފުދު އައްޑޫ ސިޓީއަށް ގޮސް، އައްޑޫ ސިޓީ ކައުންސިލާއި ވިޔަފާރިވެރިންނާ ބައްދަލުކުރި ކަމަށާއި އެ ދެ ސިޓީގެ ބަނދަރަށް ވެސް ވަފުދުން ޒިޔާރަތް ކުރި ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި ބޭއްވި ބައްދަލުވުންތަކުގައި، ކުޅުދުއްފުށްޓާއި ހިތަދޫ ޕޯޓަށް އިންޑިއާގެ ޓޮޓިކޮރިން އިން ޕެރިޝަބަލް އަދި އެހެން މުދާ ފޯރުކޮށްދޭ އުޅަނދުތައް އޮޕަރޭޓްކޮށްދިނުމަށް އެ ޖަމުއިއްޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަފުދުގެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި އެކަށީގެންވާ އަދަދަށް މުދާ ގެނެވޭނަމަ، އެ ދެ ސަރަހައްދަށް ވެސް ޝެޑިއުލް ދަތުރުތަކެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެ އެސޯސިއޭޝަނުން ދިން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެ އިތުރުން، އުޅަނދުފަހަރު އޮޕަރޭޓްކުރުމުގެ އިތުރުން، ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ސަޕްލަޔަރުން ވެސް އެ ޖަމުއިއްޔާގައި ހިމެނޭތީ، ވިޔަފާރިވެރިންނަށް މުދާ ސަޕްލައިކޮށްދިނުމުގެ ޚިދުމަތް ވެސް ވިޔަފާރިވެރިންނަށް ހުޅުވިފައިވާ ކަމަށް މަންދޫބުން ވިދާޅުވިކަން އެމްޕީއެލްއިން ފާހަގަކުރިއެވެ.
އެމްޕީއެލްއިން ބުނީ، ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުން ޚިދުމަތް ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި މުދާ އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތައް އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ހިއްސާކުރި ކަމަށެވެ. މި ވިޔަފާރިވެރިންނަށް ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުން ޚިދުމަތް ހޯދުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެމްޕީއެލްއިން ދީފައިވާ ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.