އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން އެމްއެމްޑަބްލިއުއެމް ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލެއް ބާއްވަން ނިންމައިފި އެވެ.

މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވުނީ މިދިޔަ އަހަރު އުރީދޫ މޯލްޑިވްސް އާއި ކްރިކެޓް ބޯޑާ ގުޅިގެންނެވެ.

އުރީދޫން ބުނީ އެ ކާނިވަލް އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މިމަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެކެވެ. ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ އެވެ.

އެމްއެމްޑަބްލިއުއެމް އަށް މި ކާނިވާ ކުރިއަށް ގެންދިޔުމުގައި ވޭތުވެދިޔަ އަހަރު އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް އެމްއެމްޑަބްލިއުއެމްގެ މައި ސްޕޮންސާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަރަކާތްތެރިވުމަކީ އެޖަމްޢިއްޔާއިން ނުހަނު އުފާކުރާ ކަމެއްކަމަށް ފާހަގަކުރެއެވެ.

އެދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 18:00 އާހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އެ ބޯޑުގެ މުވައްޒަފުންނެވެ.

ބިދޭސި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުން އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި މިފަދައިން ބިދޭސި މަސައްކަތްތެރިން ހިމަނައިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ ޖަމްޢިއްޔާއިން ނުހަނު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގައި ދީލަތި އެހީތެރިންނާއި ސްޕޮންސަރުންގެ އެއްބާރުލުން މި ފުރުސަތުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެ އެވެ.

އެމްއެމްޑަބްލިއުއެމް އިން އުންމީދު ކުރަނީ ވޭތުވެދިޔަ އަހަރާ އެއްގޮތަށް މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް ގިނަ އަދަދެއްގެ ބިދޭސި މަސައްކަތްތެރިންނާއި އެމީހުންގެ ޓީމުތައް ބައިވެރިވެ، ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމެވެ. އެމްއެމްޑަބްލިއުއެމް އިން ވަނީ ކްރިކެޓް ޓީމުތަކަށް، އެ ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެ ޖަމްޢިއްޔާގެ ހޮޓްލައިން 7384994 އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ރެޖިސްޓަރކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަންގާރަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *