ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށެވެ.
އެ އޮޕަރޭޝަނުގައި، ހުޅުމާލެ މަގުމަތިން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.