އިކޮނޮމިކް މިނިސްޓާރ ފައްޔާޒް އާއި ޖެންޑާ މީނިސްޓަރ އައިޝާ ވިރަ ސެންޓަރު ހުޅުއްވާ ދެއްވަނީ - ފޮޓޯ: އާސަންދަ

ބޭސްފަރުވާ އާއި ގުޅިގެން ދައުލަތުން ރައްޔިތުންނަށް ދޭ އެހީގެ ހުރިހާ ހިދުމަތެއް 'ވިރަ' ގެ ނަމުގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފަށައިފިއެވެ.

ބޭސް ފަރުވާއާއި ގުޅިގެން ދަޢުލަތުގެ އެހީއަށް އެދޭ ރައްޔިތުންނަށް، "އޯގާތެރި ސަރުކާރު" ޝިއާރުގެ ދަށުން، ލުއިފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމަކީ ސަރުކާރުގެ އަމާޒެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި، ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދެ އިދާރާއަކުން ރައްޔިތުންނަށް ދެމުން އައި ޚިދުމަތްތައް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ގުޅިގެން އާސަންދަ މެދުވެރިކޮށް 'ވިރަ' ގެ ނަމުގައި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.

އާސަންދައިން ބުނީ މިގޮތުން މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައާއި ހުޅުމާލެ ހޮސްޕިޓަލުގައި   'ވިރަ' ކައުންޓަރުގެ ނަމުގައި ވާނީ  ކައުންޓަރުތަކެއް ޤާއިމުކުރެވިފައި ކަމަށެވެ.

މިއާއެކު އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އެއްތަނަކުން ލިބިގަތުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެފައިވާ ކަމަށް އާސަންދައިން ބުނެއެވެ.

މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއަރއަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ ފަރާތުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެކެވެ. އަދި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޙާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އާސަންދައިން ބުނެއެވެ.

ކުރިން ދެ އިދާރާއަކުން ހޯދަންޖެހޭގޮތަށް އޮތް މި ޚިދުމަތްތައް އެއް ތަނަކުން ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެކެވެ.

އަދި އެތައްފަހަރަކު ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި އެއްފަހަރު ލިޔެކިޔުން ހުށަހަޅާގޮތަށް ހަމަޖެހިގެން ދިއުމަކީވެސް ޚިދުމަތް ހޯދުމުގައި ތަކުލީފު ކުޑަވެ، ޚިދުމަތް ލިބުން އަވަސްވެގެންދާނެ ބަދަލެކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ބޭސްފަރުވާއާ ގުޅިގެން ދަޢުލަތުން ދެމުންގެންދާ އެހީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފޯރުކޮށް، ވީހާވެސް ހަމަހަމަގޮތެއްގައި ދިނުމަށްޓަކައި، ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ހުރިހާ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގައި 'ވިރަ' ކައުންޓަރުތައް ޤާއިމުކުރެވިގެންދާނެއެވެ.

'ވިރަ' ކައުންޓަރުތަކުގެ އިތުރުން 'ވިރަ' މަޢުލޫމާތު މަރުކަޒުގެ ނަމުގައި މުޅިން އާ ކަސްޓަމަރ އެކްސްޕީރިއެންސް ސެންޓަރެއްވެސް މިއަދު ހުޅުވިއެވެ.

މި ސެންޓަރު ހުޅުއްވާދެއްވީ މިއަދު ހެނދުނު 08:30 ގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ޖެންޑާރ މިނިސްޓަރ އައީޝަރު މުހައްމަދު ދީދީ އެވެ.  އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގާއި އާސަންދަ އެންސްޕާގެ އެގްޒެކެޓިވް އަދި ސީނިއާ މެނޭޖްމަންޓް މެންބަރު މި ރަސްމިއްޔާތުގައި ބައިވެވަޑައިގެންނެވިއެވެ.

ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދަޢުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކާއި އެ ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި މަރުކަޒުން ލިބިގެންދާނެ ކަމަށް އާސަންދައިން ބުނެއެވެ.

އަދި އެ ޚިދުމަތްތައް ހޯދުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި މަރުކަޒުން އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. މިގޮތުން ބަލިމީހާއަށް ބޭނުންވާ ފަރުވާ ކުރިއަށް ގެންދިޔުމުގައި އެންމެ ފަސޭހަވާނެ ގޮތާއި، ފަރުވާކުރުމުގައި ދައުލަތުގެ ފަރާތުން ލިބެން ހުރި އެހީތައް މި ސެންޓަރުން އޮޅުންފިލުވައިދެވޭނެއެވެ. އަދި ބޭނުންވާ އެހީ ހޯދުމުގެ މަގު ތަނަވަސްކޮށްދީ ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ.

ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ 'ވިރަ' ކައުންޓަރުން ޚިދުމަތް ލިބޭނެއެވެ. ފެންބިލްޑިންގެ ނިކަގަސްމަގަށްވާ ފަޅީގައި ގާއިމުކުރެވިފައިވާ، 'ވިރަ' މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.

'ވިރަ' ކައުންޓަރުތަކަށް ވަޑައިނުގެން [email protected] އަށް ފޯމާއި ލިޔެކިޔުން އީ-މެއިލް ކުރައްވައިގެންވެސް ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ހުށަހެޅުއްވޭނެއެވެ. އަދި 1400 ނަންބަރަށް ގުޅުއްވައިގެން ކޮންމެ ވަގުތަކުވެސް މަޢުލޫމާތު ސާފުކުރެއްވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *