އަތޮޅުތެރޭގައި އެޅުމަށް ނިންމާފައިވާ ހަ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދުމަށް މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މުނި އެންޓަޕްރައިސަސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗާއިން ވަނީ، މުނި އެންޓަޕްރައިސަސް އާ ދެމެދު ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.
ސަރުކާރުން އެއާޕޯޓް އެޅުމަށް އިއުލާނުކޮށްފައިވާ ރަށްތަކަކީ ށ. ބިލެތްފަހި، ބ. ތުޅާދު، ތ. ވިލުފުށި، ފ.މަގޫދޫ، ހދ. މަކުނުދޫ އެވެ. މީގެ އިތުރުން ރ އަތޮޅު ދެކުނު ބިތުގެ ރަށެއްގައިވެސް އެއާޕޯޓެއް އެޅުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ރަށުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ރަށްތަކުގައި ރީޖަނަލް އެއާޕޯޓު ހެދުމަށް ބޭނުންވާ ފައިސާ ހޯދަން މީގެ ކުރިން ވެސް ޕްލޭނިން މިނިސްޓްރީން މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން އެ ރަށްތަކުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ފައިސާ ހޯދަން މިދިޔަ މަހު ވަނީ ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މުނި އެންޓަޕްރައިސަސް އާއިހަވާލުކުރީ ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނޭ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަންކަމަށެވެ.
އެއާޕޯޓް ހެދުމަށް ހޯދަން ބޭނުން ވަނީ
- ހދ. މަކުނުދޫ، 23.3 މިލިއަން ޑޮލަރު
- ށ. ބިލެއްފަހި، 23.6 މިލިއަން ޑޮލަރު
- ބ. ތުޅާދޫ، 21.9 މިލިއަން ޑޮލަރު
- ތ. ވިލުފުށި، 33.3 މިލިއަން ޑޮލަރު
- ފ. މަގޫދޫ، 8.2 މިލިއަން ޑޮލަރު
- ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި، 23.6 މިލިއަން ޑޮލަރު