ޖަޕާނު ސަޕޯޓަރުން ރޭގެ މެޗަށް ފަހު ސްޓޭޑިއަމް ސާފުކުރަނީ - ފޮޓޯ: ސޯޝަލް މީޑިއާ

ފީފާ ވޯލްޑްކަޕްގައި ރޭ އިރާކޮޅު ޖަޕާން އަދި ޖަރުމަންވިލާތުން ކުޅުނު މެޗުގައި ހައިރާންކުރުވަނި ނަތީޖާއަކުން ޖަރުމަނި ބަލިކުރި މެޗަށް ފަހު ޖަޕާން ސަޕޯޓަރުން ދިޔައީ މެޗް ކުރިޔަށް ދިޔަ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ސާފުކޮށްފައެވެ.

ޖަޕާންގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު މި ރީތި މަންޒަރުތަކުގެ ފޮޓޯތައް ގިނަބައެއްގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިންނެވެ.

 

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޖަޕާނުގެ ބައެއް ސަޕޯޓަރުން މެޗް ނިމުމަށްފަހު، ސްޓޭޑިއަމަށް މީހުން އުކާލާފައި ދިޔަ ހުސް ފުޅިތަކާއި، ޕެކެޓްތަކާއި ކޮތަޅުތަކާއި އަދި އެހެންނިހެން ކުނިބުނި ނަގާ އެތަން ސާފުކުރެއެވެ.

ޖަޕާނަކީ ސާފުތާހިރުކަމަށް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ ގައުމެކެވެ. އެގޮތުން، މިފަދަ މަންޒަރެއް 2018 ވަނަ އަހަރު ކުޅުނު ވޯލްޑްކަޕްގައި ފެނިގެން ދިޔައެވެ. ރަޝިޔާގައި ބޭއްވުނު އެ ވޯލްޑްކަޕްގައި، ޖަޕާން އަދި ބެލްޖިއަމް ވާދަކުރި މެޗަށްފަހު ވެސް ޖަޕާން ސަޕޯޓަރުން ދިޔައީ ސްޓޭޑިއަމް ސާފުކޮށްފައެވެ.

ޖަޕާނު ސަޕޯޓަރުން ރޭގެ މެޗަށް ފަހު ސްޓޭޑިއަމް ސާފުކުރަނީ - ފޮޓޯ: ސޯޝަލް މީޑިއާ

ޖަޕާނު ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ އެ ރީތި މަންޒަރުގެ ސަބަބުން އެތައް ބަޔަކު ދަނީ އެމީހުންނަށް ތައުރީފުކުރަމުންނެވެ. މީގެއިތުރުން، ވޯލްޑްކަޕްގައި ޖަޕާނު މޮޅު ނުވިނަމަވެސް، އެމީހުންގެ ސަޕޯޓަރުންނަކީ ޗެމްޕިއަނުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިއްޔެ ކުޅުނު މެޗްގައި ޖަޕާނުން ވަނީ މޮޅު ކުޅުމެއް ދައްކާ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ  ޖަރުމަނުގެ ގައުމީ ޓީމު ބަލިކޮށްފައެވެ. ޖަރުމަނު ކޮޅަށް ޖަޕާނުން 2 ލަނޑު ޖަހާފައިވާއިރު، ޖަރުމަނަށް ޖެހުނީ އެންމެ ލަނޑެކެވެ.

ޖަޕާނު ސަޕޯޓަރަކު ރޭގެ މެޗަށް ފަހު ސްޓޭޑިއަމް ސާފުކުރަނީ - ފޮޓޯ: ސޯޝަލް މީޑިއާ

ޖަޕާނުން ޖަރުމަން ބަލިކުރުންވެސް ވެގެން ގޮސްފައިވަނީ އެތައް ބަޔަކަށް ހައިރާންކަމެއް ލިބިގެންދިޔަ ކަމަކަށެވެ. އަދި ސައުދީ އަރަބިއްޔާ އާއި އާޖެންޓީނަ ކުޅުނު މެޗުގައި ސައުދީ މޮޅުވި ގޮތަށް ޖަޕާނުން ޔޫރަޕްގެ ޓީމެއް ބަލިކޮށްލުން މިއީ އޭޝިއާއަށް ލިބުނު ފަހުރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *