ޑާކް ޗޮކްލެޓަކީ ވަރަށް ގިނަ ބަޔަކަށް މީރު އެއްޗެކެވެ. ޑާކް ޗޮކްލެޓަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްތޯ ސުވާލު ކޮށްފިނަމަ ގިނަ ބަޔަކު ބުނާނީ ނޫނެކޭއެވެ. ސަބަބަކީ ޑާކް ޗޮކްލެޓަކީ އޭގައި ވަރަށް ބޮޑަށް ހަކުރު އެކުލެވިގެންވާ އެއްޗަކަށް ވާތީއެވެ. އެހެންނަމަވެސް، ޑާކް ޗޮކްލެޓަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ގޮތުގައި ނިންމުމުގެ ކުރިން އިތުރަށް ވިސްނާލަމާ ހިނގާށެވެ.

ތިއޮބްރޯމާ ކޮކޯ ގަހުގައި އަޅާ ކޮކޯ އަކީ އޭގައި ހަށިގަނޑަށް ފައިދާހުރި އެކި ކަހަލަ ނިއުޓްރިއެންޓްސް ހިމެނޭ އެއްޗެކެވެ. ޗޮކްލެޓް ހަދަނީ ކޮކޯ އިންނެވެ. ކޮކޯއިން ޗޮކްލެޓް ތައްޔާރުކުރަނީ ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތު ކުރުމަށް ފަހުގައެވެ. ކޮކޯ ޗޮކްލެޓަށް ބަދަލުކުރުމަށް ތަފާތު ގޮތްތައް ބޭނުންކުރެއެވެ. އޭގެތެރޭގައި ފާރމެންޓޭޝަން، އަލްކަލައިޒިން އަދި ރޯސްޓިންގް ހިމެނެއެވެ. ޑާރކް ޗޮކްލެޓަކީ ސިއްހަތަށް ފައިދާހުރި އެއްޗެކޭ ބުނެވެނީ އޭގައި ހިމެނޭ ފްލެވޮނޮއިޑްސްގެ ސަބަބުންނެވެ.

ފްލެވޮނޮއިޑްސް އަކީ ކޮކޯ ބީންސްގައި ގުދުރަތީ ގޮތުން އެކުލެވިގެންވާ ބައެކެވެ. ކޮކޯ އިން ޗޮކްލެޓް ރަހަ ލަނީ އޭގައި ހިމެނޭ ފްލެވޮނޮއިޑްސްގެ ސަބަބުންނެވެ. ފޮލެވޮނޮއިޑްސް އަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. ފްލެވޮނޮއިޑްސްގައި ހިމެނޭ އެންޓިއޮކްސިޑެންޓް މާއްދާގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދިނުމުގެ އިތުރުން ކޮލެސްޓްރޯލް އަދި ބްލަޑް ޕްރެޝަރ ކޮންޓްރޯލު ކުރުމަށް އެހީތެރިވެދެއެވެ.

ޗޮކްލެޓްގެ އެކި ބާވަތްތައް ހުރެއެވެ. އޭގެތެރެއިން ވެސް ސިއްހަތަށް އެންމެ ކުޑަކޮށް ގެއްލުންވާ ބާވަތަކީ ޑާކް ޗޮކްލެޓެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަރ އިން ހާމަކޮށްފައިވާ ގޮތުގައި 100 ގްރާމުގެ ޑާކް ޗޮކްލެޓެއްގައި 70 ނުވަތަ 85 އިންސައްތަ ކޮކޯ ހިމެނެއެވެ. އެގޮތުން ނިއުޓްރިޝަނަލް ފައިދާތަކަށް ބަލާއިރު، ހަށިގަނޑަށް ބޮޑަށް ފައިދާވާނީ ކޮކޯގެ އިންސައްތަ ގިނަ ޗޮކްލެޓްތަކެވެ.

ޝައްކެއްނެތެވެ. ހުރިހާ ވައްތަރެއްގެ ޗޮކްލެޓަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ނޫނެވެ. ކެއުމުގެ ކުރިން ޗޮކްލެޓްގައި ކޮކޯ ހިމެނޭ މިންވަރު ބެލުމަށްފަހު ކެއުމަކީ ބުއްދިވެރިވެގެންވާ ކަމެކެވެ. ކޮންމެ ބާވަތެއްވެސް އެ ކާން ޖެހޭ ވަރަށްވުރެ ގިނައިން ކާނަމަ އޭގެން ގެއްލުންތަކެއް ހަށިގަނޑަށް ކުރާނެއެވެ. އެހެންކަމުން ޑާކް ޗޮކްލެޓް ފަދަ ތަކެތިވެސް ވަކި ވަރެއް ނުބަލާ ގިނައިން ކެއުމަކީ ހަށިގަނޑަށް އެހާ ފައިދާހުރި ކަމެއް ނޫނެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *