ދުނިޔޭގެ ފުޓްބޯޅައިގެ އީދު ކަމަށްވާ ވޯލްޑްކަޕް ފެށިގެން ކުރިއަށްދާއިރު، މިއަދު ސައުދީ އަރަބިއްޔާ މިވަނީ މުޅި ދުނިޔެ ސިއްސުވައިލާފައެވެ. އެގޮތުން ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ނިސްބަތްވާ އާޖެންޓީނާ ބަލިކުރުން މިވަނީ ފުޓްބޯޅައިގެ ތާރީހުގައި ސައުދީގެ ނަން ކުލަގަދަކޮށް ލިޔެވިގެންދާ ކަމަކަށެވެ.

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި މިއަދު ކުރިއަށް ދިޔަ ގްރޫޕް ސްޓޭޖް މެޗްގައި އާޖެންޓީނާ އަދި ސައުދީ އަރަބިއްޔާ ވަނީ ވާދަކޮށްފައެވެ. މެޗްގައި ފުރަތަމަ ނަތީޖާ ނެރެފައިވަނީ އާޖެންޓީނާއިންނެވެ. އެއީ ސައުދީ ޓީމްގެ ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައެވެ. އެ ލަނޑު ޖަހައިދިނީ މެސީއެވެ. ފުރަތަމަ ހާފްގައި އާޖެންޓީނާއިން ވަނީ ފަސޭހަ އަދި މޮޅު ކުޅުމެއް ދައްކައިފައެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި، ވަރުގަދަ އަޒުމަކާއި އެކު ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ ދެ ލަނޑު ޖަހައި، މެޗްގެ ނަތީޖާ ބަދަލުކޮށްލުމެވެ. މެޗް ނިމިގެން ދިޔައީ ސައުދީ ޓީމް މޮޅުވެގެންނެވެ.

ސައުދީ އަކީ ގާނާއަށް ފަހު ވޯލްޑްކަޕް ރޭންކިންގެ އެންމެ ދަށުގައި އޮތް ގައުމެވެ. ސައުދީން އަދިވެސް ދަނީ ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަމުންނެވެ. އެގޮތުން، އާޖެންޓީނާ ބަލިކުރެވުން ފާހަގަކުރުމަށް މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ސައުދީ އަށް މިއަދު ލިބުނު މޮޅުވެގެންދާނީ މުޅި އިސްލާމީ އުންމަތަށްވެސް ލިބިގެންދިޔަ މޮޅު ކާމިޔާބީއަކަށެވެ. ސައުދީ އަށް ލިބުނު ތާރީހީ މޮޅާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ގައުމަށް މަރުހަބާ ކިޔައި، އުފާ ފާޅުކުރަމުންނެވެ. އިސްލާމީ ގައުމުތަކުގެ އިސް ފަރާތްތަކުން ދަނީ ސައުދީއަށް މަރުހަބާ ކިޔަމުންނެވެ. ސައުދީއިން ހޯދި ކާމިޔާބީ ވެފައިވަނީ އަނެއްކާ އަލުން އިސްލާމީ ގައުމުތައް އެއްބަޔަކަށް ހެދުމަށްވެސް ލިބިގެންދިޔަ މޮޅަކަށެވެ.

އެގޮތުން ސައުދީ އަރަބިއްޔާ ހޯދި ކާމިޔާބީ ފާހަގަކޮށް، ޖޯޑަންގެ ރާނީ، ރާނިއާ އަލީ އަބްދުﷲ ވަނީ އެގައުމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދުބާއީގެ ޕްރިންސް އަދި އަމީރު ޝެއިޙް  މުހައްމަދު ވެސް ވަނީ ސައުދީން ހޯދާފައިވަނީ ހައްގު މޮޅެއްކަން ފާހަގަކުރައްވައި، މަރުހަބާ ވިދާޅުވެފައެވެ.

މިލިބުނު ކާމިޔާބީއަކީ ސައުދީއަށް ވޯލްޑް ކަޕް ތަށި ލިބުން ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ގިނަ ބަޔަކު އަންނަނީ ސައުދީގެ ކުޅުމަށް ތައުރީފްކޮށް މިއީ ހައްގު މޮޅެއްކަން ފާހަގަކުރަމުންނެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *